ކުރިއަށް އޮތް ތިން ހަފްތާއަކީ ވަރަށް ބާރަށް ރާއްޖޭގައި ކޮވިޑް ފެތުރުމުގެ ފުރުސަތު އޮތް ތިން ހަފްތާ ކަމަށް ސިއްހީ މާހިރުން ވިދާޅުވެފައިވާތީވެ، ކޮވިޑްގެ ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ސަމާލުކަން ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިލްތިމާސްކުރައްވައިފި އެވެ.
ރައީސް މިހެން ވިދާޅުވީ، މިލަދުންމަޑުލު ދެކުނުބުރީއަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ނ.ލަންދޫއަށް ވަޑައިގެން އެރަށުގެ ބަނދަރު ރަސްމީކޮށް ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރަކީ ރާއްޖޭގެ ތާރީހުގައި ގައުމަށް ކުރިމަތިވި އެންމެ ދަތި ދެ އަހަރު ކަމަށެވެ. އަދި ހާއްސަ ގޮތެއްގައި 2020 ވަނަ އަހަރަކީ އިގްތިސާދީ ގޮތުން ރާއްޖެ ކުރިމަތިލި އެންމެ އުނދަގޫ އަހަރު ކަމަށެވެ. ނަމަވެސް ސަރުކާރުގެ ވިސްނުމަކަށްވީ ރައްޔިތުންނަށްކޮށްދޭން ޖެހޭ އަސާސީ ހިދުމަތްތަކާއި ތަރައްގީގެ ޕްލޭންތައް ހުއްޓާނުލައި ކުރިއަށް ގެންދިއުން ކަމަށް ރައީސް ވިދާޅުވި އެވެ.
"މިހިސާބަށް އާދެވުނުއިރު އިރާދަކުރެއްވިއްޔާ މިއޮތީ ކޮވިޑްގެ އާލަމީ ވަބާއިން ސަލާމަތްވުމުގެ އުއްމީދުތަކަކާ ހިސާބަށް އާދެވިފައި" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، މި ސަރަހައްދުގައި އެންމެ ރަނގަޅަށް ކޮންޓްރޯލް ކުރެވި، އިގްތިސޯދު ހަލުވި މިނެއްގައި ކުރި އަރައިދާ ގައުމެއްގެ ގޮތުގައި މިއަދު ވެފައި މިއޮތީ ދިވެހިރާއްޖެ ކަމަށެވެ. އަދި މިކަން ހާސިލް ކުރެވުނީ ސަރުކާރާއި ރައްޔިތުންނާ އެކިއެކި މުއައްސަސާތަކާއި އަމިއްލަ ޖަމިއްޔާގުޅިގެން ކުރި މަސައްކަތުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވި އެވެ.
މި ހާލަތާއެކުވެސް ދުނިޔެއިން ފެނިފައިވާ ކޮވިޑްގެ އާ ވޭރިއަންޓާއެކު، އަނެއްކާވެސް ރާއްޖެއަށް ކޮވިޑްގެ އިންޒާރެއް ކުރިމަތިވެފައިވާ ކަމަށާއި، މިކަމުގެ ބިރު އެބައޮތް ކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
އާ ވޭރިއަންޓް ރާއްޖެއަށް އައި ބައެއް ފަތުރުވެރިންގެ ކިބައިން ފެނިފައިވާއިރު، ރައީސް ވިދާޅުވީ، އާ ވޭރިއަންޓާއި ގުޅިގެން ސިއްހީ މާހިރުންގެ ޓީމާއެކު އިއްޔެ މަޝްވަރާތައް ކުރެވުނު ކަމަށެވެ.
""ސިއްހީ މާހިރުން އަޅުގަނޑުމެންނަށް ލަފާ ދެއްވީ ކުރިއަށް މިއޮތް ތިން ހަފްތާއަކީ އަނެއްކާ ވެސް ވަރަށް ބޮޑަށް ރާއްޖޭގައި ކޮވިޑް ފެތުރިގެން ދިއުމުގެ ފުރުސަތު އޮތް ތިން ހަފްތާކަމަށް، އެއީ މި ވޭރިއަންޓު މިހާރު ރާއްޖޭއިން ފެނިފައިވާތީ،" ރައީސް ވިދާޅުވިއެވެ.
އެހެންކަމުން ސިއްހީ މާހިރުންގެ އެދިވަޑައިގަތުމަކީ ކުރިއެކޭވެސް އެއްގޮތަށް ކޮވިޑްއިން ރައްކާތެރިވުމަށް އަޅަންވީ ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ސަމާލުކަން ދެއްވުން ކަމަށް ރައީސް ވިދާޅުވި އެވެ.



