ރައީސް އިބްރާހިމް މުހައްމަދު ސޯލިހު -- ފޮޓޯ/ އެމްޑީޕީ

އިތުރު ދަރުމަވަންތަ ހޮސްޕިޓަލެއް އެޅިދާނެ، އެކަމަކު ކުރާނެ ފައިދާއެއް ނެތް: ރައީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިމާރާތްކުރި ދަރުމަވަންތަ ހޮސްޕިޓަލުގެ ސަބަބުން ފައިދާއެއް ނުވާ ކަމަށާއި، އެތަނުގެ ސަބަބުން އައިޖީއެމްއެޗްގައި ކިޔޫ ދިގުވުން ނޫން ކަމެއް ނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓް މުޙައްމަދު ރާޝިދުގެ ކެމްޕެއިން އިފްތިތާހު ކުރުމަށް ރޭ ކޮމަންޑޫގައި ބޭއްވި ޖަލްސާގައެވެ.

އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވަނީ ރާއްޖޭގައި މިހާރު 5 ޓެރިޝަރީ ހޮސްޕިޓަލެއް އެޅުމުގެ މަޝްރޫއު ކުރިއަށްދާކަން ފާހަގަކޮށްފައެވެ. އަދި އެއާއެކު ވިދާޅުވީ، އައިޖީއެމްއެޗް ކައިރީ ކުރީގެ ސަރުކާރުން އިމާރާތްކޮށްފައިވާ 25 ބުރީގެ އިމާރާތް ކައިރީ އިތުރު ޓަވަރެއް އެމަނިކުފާނަށްވެސް އެޅިދާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެ ހޮސްޕިޓަލުގެ ސަބަބުން ރައްޔިތުންނަށް ވާނީ ކޮން ފައިދާއެއްތޯ ކަމާމެދު ރައީސް ވަނީ ސުވާލު އުފައްދައިފަ އެވެ.

""އަޅުގަނޑަށްވެސް އައިޖީއެމްއެޗް ކައިރީގައި އިތުރު ޓަވަރެއް ނެގިދާނެ. އެއްވެސް ކަމެއް ނޫން އެއީ އަޅުގަނޑަށް އެ ތަނަށް ޑޮކްޓަރުންވެސް ލެވިދާނެ. ހިދުމަތްތައްވެސް ދެވިދާނެ. ވިސްނާލަންވީ އޭގެއިން މާލޭގައި ތިއްބަވާ ބޭފުޅުންނަށް، ތިބޭފުޅުންނަށް ކުރާނީ ކޮން ފައިދާއެއްތޯ. އޭގެއިން ވާނެ ހަމައެކަނި ކަމަކީ އައިޖީއެމްއެޗްގެ ކިޔޫ ދިގުވުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އައިޖީއެމްއެޗް ކައިރީ އިތުރު ހޮސްޕިޓަލެއް އެޅި ކަމުގައިވިޔަސް، ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ކުރާ ފައިދާއެއް ނެތް ކަމަށެވެ. އެގޮތުން ރަށްރަށުގައި ދިރިއުޅޭ މީހުންނަށް ކުރަންޖެހޭ ދަތުރުތަކާއި އަދި ހޭދައަށް އެއްވެސް ލުއިކަމެއް ނާންނަކަމަށް ރައީސް ފާހަގަކުރި އެވެ. އެހެންކަމުން އެކަމުގެ ހައްލަކީ ރަށްރަށް ލާމަރުކަޒުކޮށް، އެކި ސަރަހައްދުތަކުން ސިއްހީ ހިދުމަތްތައް ލިބޭނެ ގޮތް ހަމަޖައްސައިދިނުން ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ