ށ. ކޮމަންޑޫއަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ގެނައުމަށްޓަކައި އެ ރަށާއި ކައިރީ އޮންނަ ފަޅުރަށެއް ކަމުގައިވާ މަތި ކޮމަންޑޫ، ބުރިޖަކުން ގުޅާލުމުގެ މަސައްކަތް ހަފްތާއެއްގެ ތެރޭގައި ފެށޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ކޮމަންޑޫ އާއި މަތި ކޮމަންޑޫ ގުޅާލުމަކީ އެ ރަށު ރައްޔިތުންގެ ވަރަށް ބޮޑު އެދުމެކެވެ. މިކަމަށް އެދި ކޮމަންޑޫ ރައްޔިތުން ވަނީ އެތައް ފަހަރެއްގެ މަތިން ސަރުކާރުގައި އެދިފައެވެ. އަދި ކޮމަންޑޫއަށް ދިމާވެފައިވާ ބިމުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަކީ ރިޔާސީ އިންތިހާބުގައި އެމްޑީޕީން އެރަށަށް ވެފައިވާ ވައުދެކެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓް މުޙައްމަދު ރާޝިދުގެ ކެމްޕެއިން އިފްތިތާހު ކުރުމަށް ރޭ ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކޮމަންޑޫ ރައްޔިތުންނަށް ވެފައިވާ އެ ވައުދު މި ސަރުކާރުން ފުއްދައިދެއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، މި މަޝްރޫއަކީ ކޮމަންޑޫ ދާއިރާގެ އިންތިހާބާއި ދިމާކޮށް ފަށާ މަސައްކަތެއް ނޫންކަމަށެވެ. އަދި މަގުސަދަކީ އިންތިހާބަށް ނުފޫޒު ފޯރުވުން ކަމަށް ބައެއް މީހުން ބުނާނެ ކަމަށާއި، ނަމަވެސް ކެމްޕެއިނަކާ މިކަމާ ގުޅުމެއް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.
"މިއަކާ ކެމްޕެއިނަކާ ގުޅުމެއް ނެތް. މިއީ ހަމަ ފުލް ސްޕީޑްގަ އަވަހަށް ނިންމާލަން ޖެހޭ ކަމެއް. އިރާދަކުރެއްވިއްޔާ ޕްލޭން ހަދާ ނިިމިފަ އޮތީ، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މިތަނުން އެ މަންޒަރު ތިބޭފުޅުންނަށް ފެނިގެންދާނެ،" ރައީސް ވިދާޅުވިއެވެ.
އާބާދީ ބޮޑު ކޮމަންޑޫގެލޭންޑް ޔޫސް ޕްލޭން ނިމުމާއެކު، މިހާރު ހިއްކާފައި އޮތް ސަރަހައްދުން ރައްޔިތުންނަށް ގޯތި ދޫކުރުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. އަދި ކޮމަންޑޫގައި ހައުސިން ޔުނިޓު އެޅުމަށް ސަރުކާރުގެ ހައުސިން ޕްލޭންގައި ވަނީ ހިމަނައިފައެވެ. ނަމަވެސް ރައީސް ވިދާޅުވީ މިއީ ރަށުގެ ރައްޔިތުންނަށް އޮތް ހައްލެއް ނޫން ކަމަށާއި އެ ރަށުގަ ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަމަށް އޮތް ހައްލަކީ ހަމަ މަތި ކޮމަންޑޫއާއި ކޮމަންޑޫއާ ގުޅާލުން ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
މި މަޝްރޫގެ އިތުރުންވެސް ކޮމަންޑޫ ދާއިރާގައި އިތުރު މަޝްރޫއުތަކެއް ފެށުމަށް ނިންމާ ރައީސް ސޯލިހް ވަނީ އެކަން އިއުލާންކުރައްވައިފަ އެވެ. އެއީ:
- ކޮމަންޑޫ ކައިރީގައި އޮންނަ "ރަށްފަތި" ކިޔާ ރަށެއްގައި ޓޫރިޒަމް ފެށުން
- ބަނދަރުގެ ބޭރުތޮށީގައި ކުދި ޑިންގީ އެޅޭނެ އިންތިޒާމުތަކެއް ހަމަޖައްސައިދިނުން- މިއަހަރު ތެރޭގައި މި މަސައްކަތަށް ފަށާނެ ކަމަށް ރައީސް ވަނި ވިދާޅުވެފައި.
- ކޮމަންޑޫގައި އައިސް ޕްލާންޓެއް ގާއިމުކުރާނެ ބަޔަކު ހޯދުމަށް ދެވަނަ ފަހަރަށް ބީލަމަށް ހުޅުވާލުން.
- ކޮމަންޑޫ ސްކޫލު އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށުން.
- ފޯކައިދޫގެ ޕޮލިސް ސްޓޭޝަނާއި ސިއްހީ މަރުކަޒުގެ މަސައްކަތް މިއަހަރު ފެށުން.
- ފޯކައިދޫގެ ޗަކަ ބިމަށް ވެލި އަޅައި އެތަނުން ގޯތި ދޫކުރުން.
- މަރޮށި ބަނދަރު ހެދުމުގެ މަސައްކަތް އަންނަ ހަފްތާގައި ފެށުން
ކޮމަންޑޫއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް އިއްޔެ ވަނީ އެ ރަށުގައި 32 އަހަރު ފަހުން ގާއިމްކުރި އައު އިންޖީނުގެވެސް ހުޅުވާދެއްވައިފަ އެވެ.




