ރައީސް ނަޝީދު މިއަދު މާލެ ވަޑައިގަންނަވަނީ

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފަރުވާއަށްފަހު މިއަދު މާލެ ވަޑައިގަންނަވާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

ނަޝީދުގެ އާއިލާ މެންބަރުންނާ ހަވާލާދީ، ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ރައީސް ނަޝީދު މިއަދު މާލެ ވަޑައިގަންނަވާނެކަމަށް ނަޝީދުގެ އާއިލާއިން ވަނީ މައުލޫމާތު ދީފައެވެ.

މިވަގުތު ދުބާއީގައި ހުންނެވި ނަޝީދު މާލެ ވަޑައިގަންނަވަނީ މިއަދު މެންދުރު ފަހުކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ނަޝީދުގެ ކާރުކޮޅުގައި ބޮމެއް ގޮއްވާލާ އެމަނިކުފާނުގެ ހަށިކޮޅަށް ލިބުނު އަނިޔާއަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ހޯއްދެވުމަށްފަހު އިތުރު ފަރުވާ އަށް މެއި މަހުގެ 13 ވަނަ ދުވަހު ރައީސް ނަޝީދު އެންމެ ފުރަތަމަ ވަޑައިގެންނެވީ ޖަރުމަނަށެވެ. އޭގެފަހުން އެމަނިކުފާނު ދިރިއުޅުއްވަމުން އައީ އިނގިރޭސިވިލާތުގައެވެ. އަދި ދުބާއީއަށް ވަޑައިގަތީ މި މަހުގެ 6 ވަނަ ދުވަހުއެވެ.

އެމަނިކުފާނު ދުބާއީގައަށް ވަޑައިގަތީ މިހާރު ކުރިއަށްދާ ވޯލްޑް އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ