ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއެކު-- ފޮޓޯ: ފޮރިން މިނިސްޓްރީ

968 މިލިއަން ރުފިޔާގެ ހިލޭއެހީ ދިނުން ހިމެނޭހެން، ޗައިނާއާއެކު 5 އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖެއަށް 968.2 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމަށާއި، އިތުރު ހަތަރު ދާއިރާއަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކުގައި ރާއްޖެ އާއި ޗައިނާއާ ދެމެދު މިއަދު ސޮއިކޮށްފި އެވެ.

މި އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން މިއަދު ކުރިއަށްގެންދިޔަ ރަސްމީ ހަރަކާތްތަކުގެ ތެރެއިން، ފޮރިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތުގައި ދެ ގައުމުގެ ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުންތަކަކީ:

  1. ސިއްހީ ދާއިރާއިން ޗައިނާއާ ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން

މި އެއްބަސްވުމުގެ ދަށުން ލޮލުގެ ބަލިތަކަށް ފަރުވާދޭ ޚާއްސަ ކްލިނިކެއް/ކޭމްޕެއް ޗައިނާއިން ރާއްޖޭގައި ހިންގާނެ އެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ މި އެއްބަސްވުމުގައި ފުރަތަމަ ސޮއިކުރެވުނު 2019 ވަނަ އަހަރު ކަމަށެވެ. އޭރު ސޮއެކުރެވުނު 2 އަހަރުގެ އެއްބަސްވުމުގެ ދަށުން ޗައިނާއިން ވަނީ ލޮލުގެ ފަރުވާދޭ ޚާއްސަ ކޭމްޕެއް ހިންގާފައެވެ. އަދި މިއަދު ސޮއިކުރެވުނު އެއްބަސްވުމަކީ އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމާ ގުޅިގެން އަލުން ސޮއިކުރެވުނު އެއްބަސްވުމެއް ކަމަށް ފޮރިން މިނިސްޓްރީން ހާމަކުރެއްވި އެވެ. 

  2. އިޤްތިޞާދީ އަދި ފަންނީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ހިލޭ އެހީ ދިނުމުގެ އެއްބަސްވުން

މި އެއްބަސްވުމުގެ ދަށުން ޗައިނާ ސަރުކާރުން 968 މިލިއަން އެއްލައްކަ ނުވަދިހަ ހަތް ހާސް ހަ ސަތޭކަ އެކާވީސް ރުފިޔާ (62.8 މިލިއަން އެމެރިކާ ޑޮލަރު/400 މިލިއަން ޔުއާން) ގެ ހިލޭ އެހީ ދިވެހިރާއްޖެއަށް ފޯރުކޮށްދޭނުމަށް ޗައިނާއިން ވަނީ އެއްބަސްވެފަ އެވެ.

މި ހިލޭ އެހީ އަކީ އިޖްތިމާއީ އަދި އުމްރާނީ ތަރައްޤީއަށް ހޭދަކުރުމަށް ޗައިނާ ސަރުކާރުން ފޯރުކޮށްދެއްވާ އެހީއެއް ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވި އެވެ.

ރާއްޖެ އާއި ޗައިނާއާ ދެމެދު ފަސް ދާއިރާއަކުން ގުޅުންބަދަހިކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރުން-- ފޮޓޯ: ފޮރިން މިނިސްޓްރީ

3. ވިސާ އެގްޒެމްޝަން އެއްބަސްވުން

މި އެއްބަސްވުމުގެ ދަށުން ދެޤައުމުގެ ރައްޔިތުންނަށް ކުރިން ވިސާ ނެގުމަކާ ނުލައި އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުކުރެވޭނެ ނިޒާމު ވަނީ ހަމަޖައްސައިފަ އެވެ. އެގޮތުން މި އެއްބަސްވުމުގެ ދަށުން މެ ކޮވިޑް-19އާ ގުޅިގެން ޗައިނާއިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލުމުން ދިވެހިންނަށް ޗައިނާއަށް ދިޔުމުން 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ އެވެ.

4. ސިނަމާލެ ބްރިޖްގެ މެއިންޓަނަންސް މަސައްކަތާ ބެހޭ އެއްބަސްވުން

ސިނަމާލެ ބްރިޖްގެ މަރާމާތުގެ މަސައްކަތް ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދިޔުމަށްވެސް މިއަދު ވަނީ ޗައިނާއާއެކު ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ބްރިޖް އެޅުމަށް ޗައިނާއާ އެކު ސޮއިކުރި އެއްބަސްވުމުގައި ވާގޮތުން ދިވެހި ސަރުކާރާ ބްރިޖް ހަވާލުކުރާތާ ދެ އަހަރު ވަންދެން އެ ގައުމުން ބްރިޖްގެ މަރާމާތުގެ މަސައްކަތްތައް ކުރަންޖެހެއެވެ. އެ މުއްދަތު މިދިޔަ އަހަރު ވަނީ ހަމަވެފައެވެ. އެހެންކަމުން ޗައިނާއިން ބްރިޖްގެ މަރާމާތުގެ މަސައްކަތް ކުރުމަށް އަނެއްކާވެސް މިއަދު އެއްބަސްވުމެއްގައި ސޮއިކުރީއެވެ.

5. ފަސް ރަށެއްގައި މައިކްރޯގްރިޑް ސީވޯޓަރ ޑީސެލިނޭޝަން ޕްލާންޓް ޤާއިމްކުރުމުގެ އެއްބަސްވުން

މި އެއްބަސްވުމުގެ ދަށުން ކ. ކާށިދޫ، ޅ. އޮޅުވެލިފުށި، ހއ. ކެލާ، ރ. އަލިފުށި އަދި ގއ. ދާންދޫގައި މައިކްރޯ-ގްރިޑް ސީވޯޓަރ ޑީސެލިނޭޝަން ޕްލާންޓް ޤާއިމްކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވި އެވެ. މި ޕްރޮޖެކްޓަކީ 199 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.

މިއަދު ބޭއްވި މަޝްވަރާތަކަށް ފަހު ބޭއްވި ރަސްމިއްޔާތުގައި ވަނީ ދެ ގައުމުގެ ގުޅުން ދައްކުވައިދޭ ވީޑިއޯއެއް ދައްކައިފައެވެ. އަދި ދެ ގައުމުގެ ގުޅުމަށް 50 އަހަރު ފުރުމާ ގުޅިގެން ބޭނުން ކުރުމަށް ހަމަޖެހިފައިވާ ލޯގޯ ވެސް ވަނީ ތައާރަފްކޮށްފައެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު ޑިޕޮލަމެޓިކް ގުޅުން ގާއިމު ކުރީ 15 އެޕްރީލް 1972ގަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ