"ދައުވަތު" ނުބަލާވަރެއް ނޫން، ހައުސްފުލް 10 ޝޯ ދައްކައިފި

ވީމީޑިއާގެ ފުރަތަމަ ފީޗާ ފިލްމު "ދައުވަތު" މިމަހުގެ 12ވަނަ ދުވަހުގެ ރެއިން ފެށިގެން އޮލިމްޕަހުގައި ދައްކަންފަށާފައިވާއިރު، މި ފިލްމްގެ ހައުސްފުލް 10 ޝޯ މިހާރު ދައްކާފިއެވެ.

ޔޫސުފް ޝަފީއުގެ ޑައިރެކްޝަންގެ ދަށުން ގެނެސްދީފައިވާ ބިރުވެރި ފިލްމް "ދައުވަތު" އަށް ބެލުންތެރިންގެ ފަރާތުން ހީވެސް ނުކުރާފަދަ ބޮޑު ތަރުހީބެއް ލިބެމުންއަންއިރު ފިލްމް މި ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.

ބިރުވެރި ފިލްމް "ދައުވަތު" ގެ ޖުމްލަ 15 ޝޯ އެއް މާލޭގެ އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފާވައިރު، ޖުމްލަ 10 ޝޯއެއް މިހާތަނަށް މިވަނީ ހައުސްފުލްކޮށް ދައްކާފައެވެ. މި ފިލްމް ގެ ޝޯތައް މާލޭގައި ދެއްކުމަށް ހަމަޖެހިފައިވަނީ މި މަހުގެ 21 ގެ ނިޔަލަށެވެ.

ރާއްޖޭގެ ދެކުނުގެ ރަށެއްގައި ހިނގާދިޔަ ހާދިސާއެއްގެ މައްޗަށް އުފައްދާ މި ފިލްމަކީ، ސިހުރުގެ ސަބަބުން ދެމަފިރިއެއްގެ ދިރިއުޅުމަށް ކުރިމަތިވާ ބިރުވެރި ހާދިސާތަކެއް ދައްކުވައިދޭ ފިލްމެކެވެ.

ފިލްމް ބެލުމަށްފަހު ގިނަ އަދަދެއްގެ ބަޔަކު ފިލްމްގެ ވާހަކައާއިމެދު ހިއްހަމަޖެހި މީސްމީޑިއާގައި ފިލްމަށް ތައުރީފު އޮށްސަމުންދާއިރު، ގިނަ ބަޔަކު ފާހަގަކުރި ގޮތުގައި ސިހުރުގެ ނުބައިކަމާއި ބިރުވެރިކަން މި ފިލްމް ބަލާލުމުން އެނގިގެންދިއައެވެ.

"ދައުވަތު" ގެ މުހިއްމު ރޯލްތައް ކުޅެފައި ވަނީ މަރިޔަމް އައްޒަ އާއި އަލީ (ދޮންއައްޔަ) އާޒިމްގެ އިތުރުން އަހުމަދު (އާނަންދު) އީސަ އެވެ.

ފިލްމަށް ބެލެންތެރިންގެ ފަރާތުން ލިބެމުންދާ ބޮޑު ތަރުޙީބާއެކު، ފިލްމް ގެ ޝޯތައް މިހާރު ފޯރިއާއެކު ދައްކަމުންދަނީ އަތޮޅުތެރޭގެ ރަށްތަކުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ