ޕާކިސްތާނުގެ އުތުރުގެ ސަރަހައްދުތަކަށް ބޯކޮށް ސްނޯފޭބުމުގެ ސަބަބުން، ދުއްވާ އެއްގަމު އުޅަނދުތަކުގައި އެތައް ބަޔަކު ތާށިވެ، 21 މީހަކު މަރުވެއްޖެ އެވެ.
ބީބީސީ ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ވެހިކަލް ތަކުގައި ތާށިވެފައި ވަނީ ފަރުބަދަމަތީ އަވަށެއް ކަމަށްވާ މޫރީއަށް ސްނޯފައިބާތަން ބަލަން ދިޔަ ޓުއުރިސްޓުންތަކެކެވެ. ބޯކޮށް ސްނޯފޭބުމުގެ ސަބަބުން ޓުއުރިސްޓުން ދަތުރުކުރި 1000 ވަރަކަށް ވެހިކަލް ތާށިވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ. ކާރުތަކުގައި ތާށިވި މީހުންގެ ތެރެއިން މަދުވެގެން 21 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މަރުވި މީހުންގެ ތެރޭގައި ފުލުހަކާއި، އޭނަގެ އަންހެނުންނާއި އަދި އެމީހުންގެ 6 ދަރިންގެ އިތުރުން، ފަސްމެންބަރުން ހިމެނޭ އިތުރު އާއިލާއެއްވެސް މަރުވެފައިވާ ކަމަށް އެމެޖންސީ ހިދުމަތްދޭ ރެސްކިއު ޓީމާ ހަވާލާދީ ބީބީސީ ނޫހުގައި ރިޕޯޓުކޮށްފައިވެ އެވެ.
ސްނޯތަކު ތެރޭ ތާށިވެފައި ތިބި މީހުން ސަލާމަތްކުރުމަށް އަސްކަރިއްޔާއިން މަސައްކަތް ކުރަމުން އަންނައިރު، ވެހިކަލްތަކުގެ ތާށިވެފައި ހުރި 300 އަށްވުރެ ގިނަ މީހުން މިހާތަނަށް ސަލާމަތްކޮށްފައިވާ ކަމަށް އަސްކަރިއްޔާއިން ވަނީ ބުނެފަ އެވެ. އަދި އަސްކަރިއްޔާއިން ދަނީ، މޫރީއަށް ދެވެން އޮންނަ، އުޅަނދުތައް ތާށިވެފައި ވާ މަގުތައް ސާފުކުރަމުންނެވެ.
ޕާކިސްތާނުގެ ދާހިލީ ވަޒީރު ޝެއިހް ރަޝީދު ބުނިގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ ގިނަ އަދަދެއްގެ މީހުން އެ ސަރަހައްދަށް ދަތުރުކުރަމުން ދިއުމުގެ ސަބަބުންނެވެ. އެގޮތުން ފާއިތުވި ދުވަސްތަކުގައި އެތަނަށް އެއްލައްކައަށްވުރެ ގިނަ މީހުން ދަތުރުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ނަމަވެސް ކާރުތަކުގައި މީހުން ތާށިވަމުންދާ ކަމަށް ފުރަތަމަ މައުލޫމާތު ލިބެން ފެށީ މިދިޔަ ހުކުރު ދުވަހު އެވެ. އަދި އޭގެ އަނެއްދުވަހު ބޯކޮށް ސްނޯފައިބަން ފެށުމާއެކު އަދި ގިނަ އަދަދެއްގެ ވެހިކަލް އެ ސަރަހައްދުން ދަތުރުކުރާތީވެ ކަމާބެހޭ ވުޒާރާތަކުން ވަނީ އެއީ ނުރައްކާތެރި ސަރަހައްދެއް ކަމަށް ކަނޑައަޅައިފަ އެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ އެތައް ކާރެއް ވަނީ އެއްކާރާއި އަނެއްކާރު ޖެހި ފިތިފަ އެވެ. އަދި ކާރުތަކުގެ މައްޗަށް ވަނީ ބޯކޮށް ސްނޯވެހިފަ އެވެ.
21 މީހުން މިހާދިސާގައި މަރުވެފައިވާ އިރު، އޭގެ ތެރޭގައި 10 ކުޑަކުދިން ވެސް ހިމެނެ އެވެ. އަދި ފުލުހުން ބުނި ގޮތުގައި އޭގެ ތެރެއިން ހަ މީހަކު މަރުވެފައި ވަނީ ފިނީގެ ތެރޭގައި ގަނޑުވެގެންނެވެ.



