ކޮވިޑް-19 ގެ އެންމެ ހަލުވިކޮށް މިހާރު ފެތުރެމުން އަންނަ އޮމިކްރޮން އާއި ޑެލްޓާ ވޭރިއަންޓް އެކުވެގެން އުފެދިފައިވާ ކޮވިޑްގެ އާ ވޭރިއަންޓެއް ފެނިފައިވާ ކަމަށް ބައެއް ބޭރުގެ ނޫސްތަކުގައި ރިޕޯޓުކޮށްފި އެވެ.
މި އާ ވޭރިއަންޓަށް ދީފައިވާ ނަމަކީ "ޑެލްޓާކްރޯން" އެވެ. ކޮވިޑްގެ މި އާ ބާވަތް ފެނިފައި ވަނީ ސައިޕްރަސް އިން ކަމަށް ބޭރުގެ މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ. މި ވޭރިއަންޓް ހޯދީ ޔުނިވަސިޓީ އޮފް ސައިޕްރަސްގެ ބައިލޮޖިކަލް ސައިންސް ޕްރޮފެސަރެއް ކަމުގައިވާ، ލިއޮންޑިއޯސް ކޮސްޓްރިކިސް އެވެ.
ޕްރޮފެސަރ ލިއޮންޑިއޯސް ކޮސްޓްރިކިސް އާއި ހަވާލާދީ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، "ޑެލްޓާކްރޯން" ވަނީީ އެ ގައުމުގެ 25 މީހުންގެ ގައިން ނެގި ސާމްޕަލް އިން ފެނިފައެވެ. އޭގެ ތެރެއިން 11 މީހުންނަކީ ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތް ޕޭޝަންޓުންނެވެ. އަދި 14 މީހުންނަކީ ރޭންޑަމްކޮށް ކޮވިޑް ސާމްޕަލް ނެގި މީހުންނެވެ.
ޕްރޮފެސަރ ލިއޮންޑިއޯސް ބުނެފައިވާ ގޮތުގައި ކޮވިޑްގެ މި އާބާވަށް "ޑެލްޓާކްރޯން"ގެ ނަމުން ނަން ދީފައި ވަނީ އޭގެން ޑެލްޓާ ވޭރިއަންޓުގެ ޖެނެޓިކް ތެރެއިން އޮމިކްރޮންގެ ވޭރިއަންޓުގެ ޖެނެޓިކް ސިފަތައް ފެނިފައިވާތީ ކަމަށެވެ.
މި އާ ވާރިއަންޓުގެ ސަބަބުން އޮތީ ކިހާ ނުރައްކަލެއްތޯއާއި، ވައިރަސް ފެތުރޭ މިންވަރާއި، އޭގެ ބާރުމިން އަދި މި އާ ވޭރިއަންޓާއި އެހެން ވޭރިއަންޓާއި ހުރި ތަފާތު ދެނެގަނެވޭނީ އިތުރު ދިރާސާތައް ކުރުމުން ކަމަށް ޕްރޮފެސަރ ލިއޮންޑިއޯސް ވަނީ ބުނެފަ އެވެ.
އެހެންކަމުން މި އާވޭރިއަންޓުގައި ކޮވިޑް ވައިރަހުގެ އަސަރު ހުރި މިންވަރު ދެނެގަތުމަށް، އާ ވޭރިއަންޓް ޖެހުނު ކަމަށް ފާހަގަވެފައިވާ 25 ކޭސްގެ ސީކުއަންސް މިހާރު ވަނީ ބައިނަލްއަގުވާމީ އިދާރާއެއްކަމުގައި ޖިސެއިޑް އާއި ހިއްސާކޮށްފައި ކަމަށް ޕްރޮފެސަރ ބުނެފައިވެއެވެ.




