ނޮޅިވަރަންފަރު ފެނުގެ ނިޒާމުގެ މަސައްކަތް ފަށައިފި

ހދ. ނޮޅިވަރަންފަރުގައި ގާއިމްކުރަން ހަމަޖެހިފައިވާ ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

ގްރީން ކްލައިމެޓް ފަންޑްގެ ހިލޭ އެހީގެ ދަށުން ކުރާ އެ މަސައްކަތް ފައްޓަވާ ދެއްވީ އެންވާރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަންއެވެ.

ނޮޅިވަރަންފަރު ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ކުރިޔަށްގެންދަނީ ކެނޭޑިއަން ކްރިސްޓަލައިން ވޯޓަރ އިންޑިއަރ ލިމިޓެޑް އިންނެވެ. މި ޕްރޮޖެކްޓްގެ މަސައްކަތް އެ ކުންފުންޏާއި ޙަވާލުކުރެވިފައިވަނީ 01 ނޮވެންބަރު 2018 ގައެވެ.

މި މަޝްރޫޢުގެ ދަށުން ނޮޅިވަރަންފަރުގައި ބޯ ހޯލް ހެދުމާއި، ވޯޓަރ ކަލެކްޝަން ޓޭންކާއި ސްޓޯރޭޖް ޓޭންކް ޤާއިމްކުރުމާއި، އާރް.އޯ ޕްލާންޓް ޔުނިޓް އިންސްޓޯލް ކުރުމާއި ލެބޯރެޓްރީ ހިމެނޭގޮތަށް އެޑްމިނިސްޓްރޭޝަން ބިލްޑިން އެޅުމާއި މުޅި ރަށުގައި ފެން ހޮޅި އެޅުމުގެ އިތުރުން ފެން މީޓަރު ރަށުގެ ގޭބިސީތަކާއި އެހެނިހެން ޢިމާރާތްތަކުގައި ބަހައްޓައި ދިނުމުގެ މަސައްކަތް ކުރާނެއެވެ.

މިމަޝްރޫޢުގެ އަމަލީ މަސައްކަތް ކެނޭޑިއަން ކްރިސްޓަލައިން އާ ޙަވާލުކޮށްފައި ވަނީ 31.8 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ ނޮވެންބަރު 2019 އަށެވެ.

ގްރީން ކްލައިމެޓް ފަންޑު ހިލޭ އެހީގެ ދަށުން ނޮޅިވަރަންފަރުގެ އިތުރުން ބ. ދަރަވަންދޫއާ، ރ. މަޑުއްވަރީ އަދި ށ. ފޯކައިދޫގައިވެސް ފެނުގެ ނިޒާމް ގާއިމް ކުރާނެ އެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް