ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ހދ. ނޮޅިވަރަންފަރަށް ޒިޔާރަތްކުރައްވައިފިއެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގައި މިރޭ ނޮޅިވަރަންފަރު ސްކޫލްގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބާއްވާ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ނޮޅިވަރަންފަރު ސްކޫލްގެ ސީނިއަރ މެނޭޖްމަންޓާއި، ނޮޅިވަރަންފަރު ކައުންސިލާ ވެސް އެމަނިކުފާނުގެ މި ދަތުރު ފުޅުގައި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ނޮޅިވަރަންފަރަށް ފައިބާ ވަޑައިގަތުމާއެކު އެރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގައި މިއަދު ވަނީ އެ އަތޮޅުގެ ހަނިމާދޫއަށާއި، ކުޅުދުއްފުއްޓަށް ޒިޔާރަތްކުރައްވައި އެ ރަށްރަށުގެ ސަރުކާރު އިދާރާތަކުގެ ބޭފުންނާއި ވެސް ބައްދަލުކުރައްވަވާފައެވެ.




