މިދިޔަ އަހަރުގެ ތެރޭ އޮންލައިން އެޕްލިކޭޝަނެއް މެދުވެރިކޮށް އިންޑިއާގެ މުސްލިމު އަންހެނުންތަކެއް ވިއްކަން "ސޭލު" އެޅުވި މައްސަލައިގައި، އެ އެޕްލިކޭޝަން ހެދި ކަމަށް ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފި އެވެ.
80 އަށްވުރެ މުސްލިމު އަންހެނުންގެ ފޮޓޯ ޖަހައިގެން ނީލަމުގެ އުސޫލުން އެމީހުން ވިއްކާލުަމަށް "ސުއްލީ ޑީލްސް" ގެ ނަމުގައި އެޕްލިކޭޝަނެއް ހަދާ ވެބް ޕްލެޓްފޯމު ގިޓްހަބަށް ލީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ.
މި މައްސަލައިގައި 25 އަހަރުގެ މީހަކު އިންޑިއާ ފުލުހުން ހައްޔަރުކޮށްފައި މިވަނީ، "ބުއްލީ ބާއީ" ގެ ނަމުގައި ހަމަ މިފަދަ އެޕްލިކޭޝަނެއް ހަދައި 100 އަށްވުރެ އިންޑިއާގެ މުސްލިމު އަންހެނުންގެ ފޮޓޯއާއެކު، އެމީހުން ނީލަމުގެ އުސޫލުން ވިއްކާލަން ޖަހައިފައި ވަނިކޮށެވެ. މި މައްސަލައިގައި ފުލުހުން ވަނީ މިދިޔަ ހަފްތާގައި 4 ދަރިވަރަކު ހައްޔަރުކޮށްފަ އެވެ. އޭގެތެރޭގައި ދެވަނަ އެޕްލިކޭޝަން ހެދި ކަމަށް ތުހުމަތު ކުރެވޭ 21 އަހަރުގެ ދަރިވަރަކުވެސް ހިމެނޭ ކަމަށް ނޫސްތަކުގައި ރިޕޯޓުކޮށްފައިވެ އެވެ.
މި ދެ އެޕްލިކޭޝަންވެސް ހަދައިފައި ވަނީ އެއްޗެއް ވިއްކުމުގެ ބޭނުމުގައެއް ނޫނެވެ. ނަމަވެސް އެމީހުންގެ މަގުސަދަކީ މުސްލިމު އަންހެނުންނަށް ފުރައްސާރަކޮށް، އެމީހުން ފަލީހަތް ކުރުމުވެ. އެއީ ފޮޓޯ ޖަހައިފައިވާ މި އަންހެނުންތަކުގެ ތެރޭގައި ގިނައިން ހިމެނެނީ، އިންޑިއާގެ ޕްރައިމް މިނިސްޓަރު ނަރެންދްރަ މޯދީ، އިންޑިއާގެ ހިންދޫން މުސްލިމުންނާ ދެކޮޅަށް ގެންގުޅޭ ބައެއް ނޭދެވޭ އަމަލުތަކާއި ގުޅޭގޮތުން ވާހަކަދައްކާ އަޑުއުފުލައިފައިވާ އަންހެނުންނަށް ވުމެވެ. އޭގެތެރޭގައި އަންހެން ނޫސްވެރިންނާއި އެކްޓިވިސްޓުންވެސް ހިމެނެ އެވެ.
އެގޮތުން މިދިޔަ އަހަރުގެ ޖުލައި މަހު ހެދި ފުރަތަމަ އެޕްލިކޭޝަން "ސުއްލީ ޑީލްސް" ގައި ހިމެނޭ ސުއްލީ އެ ބަހުގެ މާނައަކީ މުސްލިމު އަންހެނުންނާ ދެކޮޅަށް ބޭނުންކުރާ ބޭއަދަބީ ބަހެކެވެ. އަދި "ބުއްލީ" އަކީވެސް އެމީހުންނާ ދެކޮޅަށް ބޭނުންކުރާ ބަހެކެވެ.
މިދުވަސްވަރު މި މައްސަލަ ހޫނުވެފައި މިވަނީ، ފުރަތަމަ އެޕްލިކޭޝަން "ސުއްލީ ޑީލްސް" އާއި ގުޅިގެން މިދިޔަ އަހަރުގެ ޖުލައި މަހު އަންހެނަކު ހުށަހެޅި މައްސަލައިގައި އެއްވެސް މީހަކު އަދިވެސް ހައްޔަރުނުކުރާ ކަމަށް އެ އަންހެންމީހާ ދާދިފަހަކުން ބުނެފައިވަނިކޮށެވެ. މި އަންހެން މީހާ މި މައްސަލައިގައި އަލުން އަޑުއުފުލީ، "ބުއްލީ ބާއީ" އެޕްލިކޭޝަންގެ މައްސަލަ ފެންމަތިވުމާއި ގުޅިގެންނެވެ.
އެއާއެކު މިދިޔަ އާދިއްތަ ދުވަހު މަދްޔަ ޕްރަދޭޝްގެ އިންދޯރު ސިޓީން އައުމްކަރޭޝްވަރު ތާކޫރު ނަމަކަށް ކިޔާ މީހަކު މި މައްސަލައިގައި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނިގޮތުގައި އޭނާ ގެ ނަން މި މައްސަލައިގެ ތެރެއަށް އައިސްފައި ވަނީ "ބުއްލީ ބާއީ" އެޕް ހެދިކަމަށް ތުހުމަތު ކުރެވޭ، ނީރަޖް ބިޝްނޯއީއާ ފުލުހުން ސުވާލު ކުރުމުގެ ތެރެއިން ކަމަށެވެ.
ދިއްލީގެ ޕޮލިސް ސައިބަރ ކްރައިމް ޓީމުގެ ޑެޕިއުޓީ ކޮމިޝަނަރ ބުނިގޮތުގައި، މި މައްސަލައިގައި ހައްޔަރުކު ކުރި ތާކޫރް ގެ ފޯނު ފަދަ ޑިވައިސްތަށް މިހާރު އެ ޓީމުން އަންނަނީ ބަލާ ފާސްކުރަމުންނެވެ.