އިންސާނެއްގެ ހަށިގަނޑަށް އޫރުގެ ހިތެއް ލައްވާ، ދުނިޔޭގައި ފުރަތަމަ ފަހަރަށް ޖަނަވާރެއްގެ ހިތެއް ލެއްވި އިންސާނާގެ ޝަރަފު އެމެރިކާގެ މީހަކަށް ލިބިއްޖެ އެވެ.
މި އަޕަރޭޝަން ކޮށްފައިވަނީ މެރީލޭންޑްގެ ބޮލްޓިމޯ ސިޓީގައި ހުންނަ ހޮސްޕިޓަލެއްގައެވެ. އަދި އޫރުގެ ހިތެއް ލައްވައިފައި ވަނީ އެމެރިކާގެ ރައްޔިތެއް ކަމުގައިވާ 57 އަހަރުގެ ޑޭވިޑް ބެނެޓް ގެ ހަށިގަނޑަށެވެ.
މި އޮޕަރޭޝަން ކުރި ޑޮކްޓަރުން ބުނެފައިވާ ގޮތުގައި، ވަރަށް ބޮޑު ދިރާސާތަކަކާއެކު ކުރި މި އޮޕަރޭޝަނަކީ ހަތް ގަޑިއިރުގެ ޕްރޮސީޖާއެކެވެ. އަދި މި އޮޕަރޭޝަން ކުރިތާ ތިން ދުވަސް ފާއިތުވެގެން ދިޔައިރު، ޑޭވިގެ ސިއްހީ ހާލަތު ރަނގަޅުކަމަށް ޑޮކްޓަރުން ބުނެފައިވެ އެވެ.
ޑޮކްޓަރުންނާއި ހަވާލާދީ ބީބީސީ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހިތުގެ އޮޕަރޭޝަނަކީ ޑޭވިޑް ގެ ފުރާނަ ސަލާމަތް ކުރުމަށް އޮތް އެންމެ ފަހުގެ އުއްމީދެވެ. ނަމަވެސް މި ހާޓް ޓްރާންސްޕްލާންޓާއެކު އޭނާއަށް ދުނިޔެމަތީގައި ދިރިއުޅެވޭނީ ކިހާ މުއްދަތަކަށް ކަމެއް ޔަޤީނެއް ނޫނެވެ.
މި ހާޓް ޓްރާންސްޕްލާންޓާއި ގުޅޭގޮތުން އޮޕަރޭޝަން ކުރުމުގެ އެއް ދުވަސްކުރިން، ޑޭވިޑް ބުނީ، އޭނާއަށް އޮތީ މަރުވުން ނުވަތަ މި މި އޮޕަރޭޝަން ކުރުމެވެ. އަދި މިއީ އޭނާއަށް ދިރިހުރުމަށް އުއްމީދު އޮތް އެންމެ ފަހު ފުރުސަތު ކަމަށް އޭނާ ބުނެފައިވެއެވެ.
ދުނިޔޭގައި ފުރަތަމަ ފަހަރަށް އިންސާނެއްގެ ހަށިގަނޑަށް ޖަނަވާރެއްގެ ހިތެއް ލައްވާ ކުރި މި އޮޕަރޭޝަން ކުރުމަށް މޭރީލެންޑް މެޑިކަލް ޔުނިވާސިޓީއަށް ހާއްސަ ހުއްދައެއް ދީފައިވަނީ އެމެރިކާގެ ސިއްހީ ކަންކަން ރެގިއުލޭޓް ކުރާ ފަރާތުންނެވެ. މި ހުއްދަ ދިނީ އޮޕަރޭޝަން ނުކޮށްފިނަމަ ޑޭވިޑް މަރުވާނެތީއެވެ.
ސިއްހީ މާހިރު ގަބޫލުކުރާ ގޮތުގައި، މި އޮޕަރޭޝަން ކުރި މެޑިކަލް ޓީމުން ކޮށްފައިވާ މި މަސައްކަތަކީ، އަހަރުތަކެއް ވަންދެން ޑޮކްޓަރުން ކުރި ދިރާސާތަކަކަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. އަދި އޭގެ ސަބަބުން ދުނިޔޭގެ އެތައް ފުރާނައެއް ސަލާމަތްކުރެވިދާނެ ކަމަށް ސިއްހީ މާހިރުން ދެކެވެ.
މޭރީލޭންޑް ޔުނިވާސިޓީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ސާޖަރީ އަކީ، އިންސާނުންގެ ގުނަވަންތައް ލިބުމުގައި ކުރިމަތިވާ ދަތިތަކަށް ހައްލެއް ލިބުމުގައި ކުރިއަށް އެޅުނު އެއް ފިޔަވަޅެވެ. ޓްރާންސްޕްލާންޓެއް ނުލިބިގެން އެމެރިކާއިން ކޮންމެ ދުވަހަކު 17 މީހުން މަރުވާ ކަމަށް އެ ބަޔާނުގައިވެއެވެ. އަދި ވެއިއޓިން ލިސްޓުގައިވެސް 100،000އަށް ވުރެ ގިނަ މީހުން ތިބި ކަމަށް ބުނެފައިވެ އެވެ.
އޫރުގެ ހިތަކީ އިންސާނާގެ ހަށިގަނޑާ އެންމެ ގުޅޭ ޖަނާވާރުގެ ހިތް ކަމަށް މީގެ ކުރިންވެސް އޮތީ ދެނެގަނެވިފަ އެވެ. އަދި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އޫރުގެ ކިޑްނީއެއް އިންސާނެއްގެ ހަށިގަނޑަށް ލައްވާ އޮޕަރޭޝަން ކާމިޔާބުކޮށްފައިވާ ކަމަށް ނިއު ޔޯކް ޑޮކްޓަރުންތަކެއްވެސް ވަނީ އިއުލާންކޮށްފައެވެ. އެއީ އޭރު އެންމެ ފަހުގެ އީޖާދުތަކާއެކު މިހާތަނަށް ކުރި ދިރާސާއެވެ. ނަމަވެސް އެ ގުނަވަން ލެއްވި މީހާގެ ސިކުނޑި ވަނީ މަރުވި އެވެ.
ނަމަވެސް އޫރުގެ ހިތާއެކު މިހާރު އުޅެމުންދާ ޑޭވިޑް ބެނެޓްގެ އުއްމީދަކީ ގިނަ ދުވަސްތަކަކަށް އޭނާ ދުނިޔޭގައި ދިރިއުޅުމެވެ. ސާޖަރީ ހެދުމުގެ ކުރިން ހަ ހަފްތާ ވަންދެން ޑޭވިޑް އޮތީ އެނދުން ނުތެދުވެއެވެ. އަދި ދިރިއޮތީ މެޝިނެއްގެ އެހީގައެވެ. ނަމަވެސް ސާޖަރީއަށް ފަހު އޭނާގެ ހާލަތު ޑޮކްޓަރުން މޮނިޓަރ ކުރަމުން އަންނައިރު، ޑޭވިޑް ވަނީ އިއްޔެ އަމިއްލައަށް ނޭވާލައިފައި ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.
ނަމަވެސް ޑޭވިޑް ދިރިހުންނާނެ ކަމެއް ނުވަތަ ކަނޑައެޅިގެން ދެން ވާނީ ކީއްކަމެއް ޑޮކްޓަރުންނަށްވެސް ބުނަން ދައްޗެވެ.