"އެހެނަސް" މި މަހު 28 ގައި ދައްކަން ފަށަނީ

ރަވީ ފާރޫގް ޑައިރެކްޓް ކޮށްފައިވާ ވެބް ސީރީޒް "އެހެނަސް" މި މަހުގެ 28 ވާ ހުކުރު ދުވަހު ބައިސްކޯފުން ސްޓްރީމްކޮށް ދައްކަންފަށާނެއެވެ.

ލިޔުންތެރިޔާ އަހުމަދު އިގްބާލްގެ ވާހަކަ "އެހެނަސް ހަމަ ލޯބިވެޔޭ..." އަށް ބިނާކޮށް ހަދާ ވެބް ސީރީޒް "އެހެނަސް" އަކީ، ކުޑައިރުއްސުރެ ޖިންސީ ގޯނާއާއި ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ އަދި ގަނާ ކުރުމާ ކުރިމަތިވާ، ތަބީޢަތުގައި ރަނޑު ގޮތެއް ހުންނަ ފިރިހެންކުއްޖެއްގެ ހަޔާތުގައި ދިމާވާ ތަފާތު ހާދިސާތަކެއް ކިޔައިދޭ ސީރީޒްއެކެވެ.

"އެހެނަސް" ފެށެން އެންމެ ހަފްތާއަކަށް ވެފައިވާއިރު، ސީރީޒްގެ ޓީޒާއަކާއި ފުރިހަމަ ޓްރެއިލާއެއް ބެލުންތެރިންނަށް ދައްކާލި ހިސާބުން ގިނަ ބަޔަކު ދިޔައީ މި ސީރީޒް ދައްކަންފަށާނެ ދުވަހަކަށް އިންތިޒާރުކުރަމުންނެވެ.

"އެހެނަސް" ގެ ފުރަތަމަ ސީޒަން ޖުމްލަ 10 އެޕިސޯޑަކަށް ބަހާލައިގެން ގެނެސްދޭން ހަމަޖެހިފައިވާއިރު، މިއިން ކޮންމެ އެޕިސޯޑެއްގެ ދިގުމިނަކީ 30 މިނެޓެވެ. އަދި ބައިސްކޯފުން ސްޓްރީމްކޮށް ކޮންމެ ހަފްތާއަކު ގެނެސްދޭނީ އެޕިސޯޑެކެވެ.

މި ސީރީޒް ގައި 99 ޕަސެންޓް އާ ފަންނާނުން ފެނިގެންދާއިރު، "އެހެނަސް" ގެ ލީޑް ކެރެކްޓަރ "ނިޔާޒް" ގެ ރޯލުން ފެނިގެން ދަނީ މުހައްމަދު ވިޝާލް އެވެ. އަދި އިތުރު މުހިންމު ރޯލުތަކުން ޝަރާ، ޝަމާނާ، މަސީހް، ޝާރިފް، ޝިލްނާ ނަދީހް، މަރިޔަމް ވަހީދާ، ޔާމިން އަދި އުސާމް ފެނިގެންދެ އެވެ. މީގެ އިތުރުން މިވަގުތު ދާއިރާގައި ހަރަކާތްތެރިވާ ތަރިންގެ ތެރެއިން ޝީލާ ނަޖީބް، މުހައްމަދު މަނިކް އަދި އަހްމަދު ޔުނާން މި ސީރީޒްއިން ފެނިގެންދާނެއެވެ.

"އެހެނަސް" ގެ ދެވަނަ ސީޒަންއެއްވެސް ގެނެސްދޭގޮތަށް ވަނީ ނިއްމާފައެެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ