އިންޑިއާގެ ހުޅަނގު ބެންގަލް ސްޓޭޓުގައި ރޭލެއް ފުރޮޅާލާ ހިނގި ހާދިސާގައި 9 މީހަކު މަރުވެ 36 މީހަކަށް އަނިޔާވެއްޖެ އެވެ.
އިންޑިއަން ރެއިލްވޭސްގެ ތަރުޖަމާނާ ހަވާލާދީ ސީއެންއެން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހާދިސާ ހިނގީ 12 ކޭރިއަޖު ހިމެނޭ މި ރޭލުގެ ހަތަރު ކެރިއެޖު ޓްރެކުން ނެއްޓި ފުރޮޅާލުމާއި ގުޅިގެންނެވެ. އަދި އެހެން ދިމާވާން މެދުވެރިވީ ޓްރެކު ފަޅައިގެން ގޮސްފައި ހުރުމުން ކަމަށް ބައެއް އިދާރާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
ވެސްޓް ބެންގަލްގެ ޗީފް މިނިސްޓަރު މަމާތާ ބެނެޖީ ވަނީ މި ހާދިސާ އާއި ގުޅިގެން މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުވައިފަ އެވެ. އަދި ހާދިސާގައި އަނިޔާވި މީހުންނަށް ރަނގަޅު ސިއްހީ ހިދުމަތްތައް ލިބޭނެ ކަމުގެ ޔަޤީންކަން އެކަމަނާ ދެއްވި އެވެ.
މި ހާދިސާއާއި ގުޅިގެން އިންޑިއާގެ ޕްރައިމް މިނިސްޓަރު ނަރެންދްރާ މޯދީ ވެސް ވަނީ މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުވާ، އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދޭކަމަށް ބުނެ ޓްވީޓުކޮށްފަ އެވެ.
ރޭލު އެކްސިޑެންޓުގެ އެތައް ހާދިސާއެއް އިންޑިއާގައި މީގެކުރިންވެސް ވަނީ ހިނގައިފަ އެވެ. އެގޮތުން 2020 ވަނަ އަހަރު އިންޑިއާގެ އެކި ސަރަހައްދުތަކުން 12000 އަށްވުރެ ގިނަ މީހުން، 13000 އަށްވުރެ ގިނަ ރޭލު އެކްސިޑެންޓުގައި މަރުވެފައިވާކަމަށް ނެޝަނަލް ކްރައިމް ރެކޯޑްސް ބިއުރޯގެ ރިޕޯޓަކުން ދައްކަ އެވެ.