ވީނުވީއެއް ނޭނގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިލްވާން ޢަބްދުﷲ އަށް ވީގޮތެއް ހޯދުމަށް އިތުބާރުކުރެވޭ ބޭރުގެ އިންވެސްޓިގޭޓަރެއްގެ އެހީ ހޯދަން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސް ޞޯލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞޯލިޙް މިހެން ވިދާޅުވީ، ރިޟްވާންގެ އާއިލާއަށް އިންސާފު ނުލިބި ލަސްވެފައި ވަނީ އައު ސަރުކާރުގެ މުއައްސަސާތައް ފެއިލްވެފައި ވާތީ ކަމަށް ރިލްވާންގެ އާއިލާ އިން ބުނުމައި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް ވިދާޅުވީ، ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ ރިޟްވާންގެ މައްސަލައަށް އިންސާފު ނުލިބި ލަސްވަމުންދާ ކޮންމެ ދުވަހަކީ އާއިލާއަށް ލިބޭ އިތުރު ހިތްދަތިކަމެއް ކަމަށެވެ.
"ހުރަސްތަކާ ދަތިތަކާ އެކުވެސް އެ މައްސަލައަށް އިންސާފު ހޯދުމަށް ﷲ ގެ ވާގިފުޅާއެކު ކުރެވެންހުރި ހުރިހާ ކަމެއް ހުއްޓާނުލައި މިސަރުކާރުން ކުރިއަށް ގެންދާނެ." ރައީސް ޞޯލިޙް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ރިޟްވާންގެ އާއިލާގެ އެދުމާ އެއްގޮތަށް މިވަގުތު މަސައްކަތް ކުރަމުން ގެންދަނީ އިތުބާރުކުރެވޭ ރާއްޖޭން ބޭރުގެ އިންވެސްޓިގޭޓަރެއް ތަޙްޤީޤު ޓީމުގައި ހިމަނައިގެން މަސައްކަތް ކުރުމަށް ކަމަށެވެ.
ގެއްލުވާލާފަިއިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ ގެ މައްސަލައާ ގުޅޭ... pic.twitter.com/XDN7nfxQW2
— Ibrahim Mohamed Solih (@ibusolih) August 8, 2020
ރިލްވާން ގެއްލުނުތާ 6 އަހަރު ފުރުމާއި ދިމާކޮށް ރާއްޖެ ޓީވީ އިން ގެނެސްދީފައިވާ ރިލްވާންގެ އާއިލާގެ ޚާއްސަ އިންޓަރވިއުގައި ރިލްވާންގެ ތިއްތަ ބުނެފައިވަނީ ވޭތުވެދިޔަ ފަސް އަހަރުތެރޭގައި އުޅުނީ ވަރަށް ހިތްދަތިކަންމަތީގައިކަމަށާއި، ރިލްވާންއަށް އިންސާފު ހޯދުމަށް ނުދާ މުއައްސަސާއެއް ނުދާ ވެރިއެއް ނުހުންނާނެކަމަށެވެ.
ރިލްވާންގެ އާއިލާއިން ބުނެފައިވަނީ އެންމެ ފަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހް އާއި ބައްދަލުކޮށް މިކަން ތަޙްޤީޤު ކުރުމަށް ބޭރުގެ މާހިރެއް ގެނެސް ދިނުމަށް އެދިފައިވާނެކަމަށާއި، އެކަމުގައިވެސް ވަރަށް ބޮޑު އުންމީދެއް އެބޭފުންގެ އެބައޮތް ކަމަށެވެ.
އާއިލާއިން ބުނެފައިވަނީ ރިލްވާންގެ މައްސަލައަށް އިންސާފެއް ނުލިބި މިހާލަސްވެގެން މި ދަނީ މުއައްސަސާތައް ފެއިލްވެފައިވާތީކަމަށާއި އެގޮތުން ޚާއްސަކޮށް ފުލުހުންގެ މުއައްސަސާ އާއިލާ އިން ވަނީ ފާހަގަ ކޮށްފައެވެ. އާއިލާ އިން ބުނެފައި ވަނީ ފުލުހުންގެ މުއައްސަސާއަކަށް އިތުބާރު ނުކުރާ ކަމަށާއި، އެ މުއައްސަސާގައި ރިލްވާންއަށް ފާރަލީ މީހުން އަދިވެސް ވަޒީފާގައި އުޅެމުންދާކަމަށެވެ.
މަރު ކޮމިޝަނުން މީގެ ކުރިން ހާމަކުރައްވާފައިވާ ގޮތުގައި ރިލްވާން ވަނީ ކަނޑުމަތީ މަރާލާފައެވެ. މިކަމާއި ގުޅިގެން އާއިލާއިން ބުނެފައިވަނީ އެވާހަކަތައް އަޑު އިވުމުން ލިބުނީ ޝޮކެއް ކަމަށާއި، ރިލްވާން މަރުވި ކަމަކަށް އެއްގޮތަކަށްވެސް ޤަބޫލު ނުކުރެވޭ ކަމަށެވެ.
މަރު ކޮމިޝަނުން ވިދާޅުވެފައި ވަނީ ރިލްވާން މަރާލާފައިވަނީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އައިއެސްއަށް ވާގިވެރިޔާ ހައްދުފަހަނައަޅާފައިވާ ދީނީ ހަރުކަށި ފިކުރުގެ “ޖިހާދީ ފިކުރުގެ ޖަމާއަތުން” ކަމަށެވެ.



