މާފުށި ޖަލު - ފޮޓޯ: އަވަސް

ޖަލު ހަމަނުޖެހުން ތަޚްޤީޤުކޮށް އަނިޔާކުރި ފަރާތްތަކަށް އަދަބު ދިނުމަށް ކޮންގްރެސް ޕާޓީން ގޮވާލައިފި

މިދިޔަ ބުރާސްފަތި ދުވަހު ކ.މާފުށީ ޖަލުގައި ހިނގާދިޔަ ހަމަނުޖެހުންތައް ތަޙްޤީޤުކޮށް، އަނިޔާކުރި ފަރާތްތަކަށް ހައްޤު އަދަބު ދިނުމަށް އިދިކޮޅު ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ކޮންރެސް ޕާޓީ) އިން ގޮވާލައިފިއެވެ.

ކޮންގްރެސް ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ޤައިދީންނަށް ލާއިންސާނީ އަނިޔާކުރުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި، ޖަލުގައި ހިނގި ހަމަނުޖެހުންތަކުގެ ކަންކަން ފޮރުވަން ސަރުކާރުން މަސައްކަތް ކުރާ ކަމަށެވެ.

"ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑީވްސްއިން މިކަމާގުޅޭ ދެފުށް ފެންނަ މިނިވަން ތަޙްޤީޤެއް ހިންގައި، އެފަރާތްތައް ޖަބާވުދާރީކޮށް، މިޢަމަލު ހިންގި ފަރާތްތަކަށް ޙައްޤު އަދަބު ދިނުމަށް ގޮވާލަން." ކޮންގްރެސް ޕާޓީގެ ބަޔާނުގައި ބުނެފައިވެއެވެ.

ޖަލުގައި ތިބި ޤައިދީންނަށް ޤާނޫނާއި ޤަވާއިދާ އެއްގޮތްވާގޮތުގެ މަތިން ލިބިދޭންޖެހޭ ޙައްޤުތައް ކަށަވަރު ކޮށްދިނުމަކީ ދައުލަތުގެ ކަމަބޭހޭ މުއައްސަސާތަކުގެ ޒިންމާއެއް ކަމަށާއި، ނަމަވެސް އެފަރާތްތަކުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް ކޮންގްރެސް ޕާޓީން ބުނެފައިވެއެވެ.

އެ ޕާޓީން އިތުރަށް ބުނެފައިވަނީ، ޖަލުގައި ހިންގާފައިވާ އަނިޔާވެރި ޢަމަލުތަކާބެހޭ މަޢުލޫމާތު އެއްވެސް އޮޅުވާލުމެއްނެތި ރައްޔިތުންނަށް ޙިއްސާ ކުރުމަށާއި، ޤާނޫނާއި ޤަވާއިދުގެ ތެރެއިން ޤައިދީންނަށް ލިބިދޭންޖެހޭ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް ވެސް ސަރުކާރަށް ގޮވާލާ ކަމަށެވެ.

ސަރުކާރާ އިދިކޮޅު ކޮންގްރެސް ޕާޓީން މިހެން ވިދާޅުވިއިރި، ޔޫތް މިނިސްޓަރ މިއަދު ވިދާޅުވީ، ޖަލުގައި ހެވާއި ނުބައި ޤައިދީންނާއި، އޮފިސަރުންވެސް އުޅޭނެ ކަމަށާއި، ޖަލުގައި ހިނގި ހަމަނުޖެހުންތަކުގެ އަސްލު އެނގޭނީ ތަޙްޤީޤު ކުރުމުން ކަމަށެވެ.

“ޖަލުގައި ނުބައި އަދި ރަނގަޅު ޤައިދީން އުޅޭ. ރަނގަޅު އަދި ގޯސް އޮފިސަރުންވެސް އުޅޭ. ދިމާވެގެން އުޅޭ މައްސަލައިގެ ހަޤީގަތް އެނގޭނީ ތަޙްޤީޤު ކުރުމުން. ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙްގެ ސަރުކާރުގެ ގަދަކަމަކީ އެކަންކަން ސިއްރު ނުކުރުން، ބަލަން ފަސް ނުޖެހުން” މަޙްލޫފް ވިދާޅުވެފައިވެއެވެ.

ޖަލުގައި ތިބޭ ޤައިދީންނަށް އަނިޔާކުރުން ބަލައިނުގަނެވޭ ކަމަށާއި، އެކަންކަން ބަލައި ތަޙްޤީޤު ކުރުމަށްފަހު ފިޔަވަޅު އަޅުއްވާނެކަމަށް ސަރުކާރުންވެސް ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް