ރ.ޓޫރިޒަމް އެކްސްޕޯ 2022

ކަލިނަރީ އާރޓްސް އެގްޒިބިޝަނުން ރ.އަތޮޅު ޓޫރިޒަމް އެކްސްޕޯ ފަށައިފި

ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަ ކުރުމަށް ރ.އަތޮޅު ކައުންސިލުން އިސްނަގައިގެން "ރ.ޓޫރިޒަމް އެކްސްޕޯ 2022"ގެ ނަމުގައި ކުރިއަށް ގެންދަން ރާވާފައިވާ ހަރަކާތްތައް، މީދޫގައި ކުރިއަށް ދިޔަ "ކަލިނަރީ އާރޓްސް އެގްޒިބިޝަނުން" ފަށައިފިއެވެ.

މި އެގްޒިބިޝަން ފައްޓަވައި ދެއްވީ ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު އާތިފްއެވެ. އަރިހުގައި ރ.އަތޮޅު ކައުންސިލުގެ ރައީސް ހުސައިން ނާސިފް އާއި ކައުންސިލު މެމްބަރުންނާއި ރިސޯޓްތަކުގެ މެނޭޖްމަންޓުގެ ބޭފުޅުންނާއި އަތޮޅު ރަށްރަށުގެ ސްކޫލުތަކުގެ ސާނަވީ ދަރިވަރުން ބައިވެރިވެލެއްވިއެވެ.

ރ.އަތޮޅު ކައުންސިލުގެ ރައީސް ހުސައިން ނާސިފް "ފެށުމަށް" ވިދާޅުވީ، ފަތުރުވެރިކަމުގެ ރަން އަހަރާއި ގުޅުވާ ޓޫރިޒަމްގެ މިނިސްޓްރީގެ އެހީތެރިކަމާއިއެކު ރ.އަތޮޅު ކައުންސިލުން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށާއި، ފުރަތަމަ ހަރަކާތެއްގެ ގޮތުން މީދުގައި ކުރިއަށް ދިޔަ ކަލިނަރީ އާރޓްސް އެގްޒިބިޝަނަކީ ރިސޯޓްތަކުގެ އެހީތެރިކަމާއެކު މުހިންމު ބައެއް ބާވަތުގެ ކާބޯތަކެތި ތައްޔާރުކުރުމުގެ ހުނަރު ދައްކާލުމަށް ބޭއްވި މަޢުރަޒެއް ކަމަށެވެ.

 

"ކަލިނަރީ ޖެލެންޖަށްފަހު ދެން އޮންނާނީ އަންނަ ޖޫންމަހުގެ 18 ވަނަ ދުވަހު ހުޅުދުއްފާރުގައި ބޭއްވުމަށް ނިންމާފައިވާ (ވޯޓަރ ސްޕޯރޓްސް) މޫދު ކުޅިވަރުގެ ހަރަކާތްތައް. އެ އިވެންޓުގައި އާންމުކޮށް ރިސޯޓްތަކުގައި މޫދު ކުޅިވަރުގައި ބޭނުންކުރާ އާލާތްތަކާއި އެތަކި ބޭނުންކުރުމުގެ ހުނަރުތައް ފުރިހަމައަށް ފެނިގެންދާނެ. އެއަށްފަހު ރ.އަތޮޅަކީ އަތްތެރިކަމުގެ މަސައްކަތްތަކަށް މަޝްހޫރު އަތޮޅަކަށް ވުމުން އެފަރާތްތަކަށް އަމާޒުކޮށް އޯގަސްޓް 6 ވަނަ ދުވަހު އަނގޮޅިތީމުގައި އަތްތެރިކަމުގެ މަޢުރަޒެއް އޮންނާނެ. އެއީ އެއީ ފަނޑިޔާރުން ތިއްބަވައިގެން މަޢުރަޒަށް ހުށަހެޅޭ ތަކެއްޗަށް އިންސާފްކޮށް ވަނަ ހޮވާ އުސޫލުން ކުރިއަށްގެންދާ ހަރަކާތެއް." ރ.ޓޫރިޒަމް އެކްސްޕޯގެ ހަރަކާތްތަކާއި ގުޅޭގޮތުން ނާސިފް ވިދާޅުވިއެވެ.

ނާސިފް އިތުރަށް ވިދާޅުވީ، މި އެކްސްޕޯގެ ފަހު އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޯގަސްޓް މަހުގެ 20 ވަނަ ދުވަހު ރ.ދުވާފަރުގައި ކަމަށާއި، އެ ގާލާ ނައިޓްގައި ގިނަ އެވޯޑްތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"އެވޯޑް ދިނުމަށް ނިންމާފައިވާ ފަރާތްތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއަށް ޚިދުމަތްކޮށް ދެއްވާފައި ފަރާތްތަކާއި، އިޖުތިމާއި ކަންކަމުގައި އަތޮޅަށް އެހީތެރިކަން ދެއްވާފައިވާ ފަރާތްތަކުގެ އިތުރުން މި އެކްސްޕޯ ބާއްވަން އެހީތެރިވެދިން ފަރާތްތައް އަދި އެކްސްޕޯގެ ހަރަކާތްތަކުން ވަނަތައް ހާސިލް ކުރެއްވި ފަރާތްތައް ހިމެނޭނެ." ނާސިފް ވިދާޅުވިއެވެ.

ރ.އަތޮޅު ކައުންސިލަކުން އިންތިޒާމްކޮށްގެން މިގޮތަށް ބާއްވާ އެންމެ ބޮޑު އަދި އެންމެ ފުރަތަމަ ހަރަކާތް، "ރ.ޓޫރިޒަމް އެކްސްޕޯ 2022" ބާއްވަން ނިންމާފައި ވަނީ އެ އަތޮޅު ކައުންސިލުގެ މެމްބަރުންގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި، ޚާއްޞަ ކޮމިޓީއެއް އެކުލަވާލައިގެންނެވެ. މި އެކްސްޕޯގެ ހަރަކާތްތަކާއި އިވެންޓްތައް ބާއްވާނެ ރަށްތަށް ކަނޑައަޅާފައިވަނީވެސް އެ ކޮމިޓީގެ މެދުގައި މަޝްވަރާ ކުރުމަށްފަހުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ