މާލޭ މިސްކިތެއްގައި މަޣްރިބް ނަމާދު ކުރަން ސަޖިދައިގައި އޮއްވާ ކުރިމަތީގައި ބަހައްޓާފައިހުރި އަތްދަބަސް ވަގަށް ނެހި މީހަކު ހައްޔަރުކޮށްފިއެވެ.
ހާދިސާ ހިނގި ވަގުތު މިސްކިތުގައި ހުރި މީހަކު "ފެށުން" އަށް މަޢުލޫމާތު ދެމުން ބުނީ އަންހެން މީހާ ނަމާދަށް ހުރީ އެ މިސްކިތުގެ އަންހެނުން ނަމާދުކުރާ ބައިގެ އެންމެ ފަހަތު ސަފުގައި ކަމަށާއި، ދަބަސް ވަގަށް ނަގާފައިވަނީ އެ މީހާ ސަޖިދައަށް ދިޔަ ވަގުތު ކަމަށެވެ.
ފުލުހުން ވިދާޅުވީ، މާލޭ ޞަލާހުއްދީން މިސްކިތުގައި ނަމާދަށްހުރި އަންހެނެއްގެ އަތްދަބަސް ވަގަށްނެގި މައްސަލަ ރޭ 19:30 ހާއިރު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.
ސަޖިދައިގައި އޮއްވާ ވަގަށްނެގި ދަބަސް ހޯދައި، އެ ދަބަސް ވަގަށްނެގި 30 އަހަރުގެ މީހާ ރޭ ހުޅުމާލެއިން ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ނަމާދަށް ހުރި އަންހެނެއްގެ އަތްދަބަސް ވަގަށް ނެގި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން މައްސަލަ ތަޙްޤީޤު ކުރުމަށް 5 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.




