އުނގޫފާރު ސައިފް ޖަމިއްޔާއިން އިންތިޒާމްކުރި އިންޓަރ ރިސޯޓް ވޮލީ މުބާރާތް ފަށައިފި

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ސައިފް ޖަމްއިއްޔާއިން އިންތިޒާމްކޮށްގެން ރ. އަދި ނ. އަތޮޅަށް ފުރުސަތު ހުޅުވާލައިގެން ކުރިއަށް ގެންދާ "ސައިފް އިންޓަރ ރިސޯޓް ޗެމްޕިއަންޝިޕް" ވޮލީ ބޯޅަ މުބާރާތް ފޯރިއާއެކު ފަށައިފިއެވެ.

އުނގުފާރު ޔޫތު ސެންޓަރުގެ އައުޓް ޑޯ ވޮލީ ކޯޓުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި މުބާރާތް ފައްޓަވައިދެއްވީ ރ.އަތޮޅު ކައުންސިލުގެ ރައީސް ހުސައިން ނާޞިފްއެވެ. މި ރަސްމިއްޔާތުގައި އުނގޫފާރުގެ އެކިއެކި މުއައްސަސާތަކުގެ އިސްވެރިންނާއި ސައިފް ޖަމިއްޔާގެ އިސް ބޭފުޅުން ބައިވެރިވެލެއްވިއެވެ.

ޖުމްލަ 4 ޓީމަކުން ވާދަކުރާ މިމުބާރާތް ހުޅުވުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ނ. އަތޮޅުގައި އޮންނަ ސިޔާމް ވޯލްޑް ރިސޯޓާއި ރ. އަތޮޅުގައި އޮންނަ ޖޯލި މޯލްޑިވްސްއެވެ.

އުނގޫފާރުގެ ގިނަ އަދަދެއްގެ ރައްޔިތުންގެ ސަޕޯޓުގެ އަޑާއެކު ފޯރިއާއި ވާދަވެރިކަމުގައި ކުޅުނު ފުރަތަމަ މެޗުގައި ޖޯލިޓީމުގެ މައްޗަށް ސީދާ ތިން ސެޓުން ސިޔާމް ވޯލްޑް ރިސޯޓުން ވަނީ ކުރި ހޯދާފައެވެ.

ވާދަވެރި މެޗުގެ ފުރަތަމަ ސެޓް ސިޔާމް ވޯލްޑުން ކާމިޔާބުކުރީ 26-24 ހުންނެވެ. އަދި ދެވަނަ ސެޓް ފަސޭހަކަމާއެކު 26-15 އިން ކާމިޔާބުކުރިއިރު މެޗުގެ ފަހު ސެޓް ކާމިޔާބުކުރީ 25-21 ހުންނެވެ.

މުބާރާތުގެ ފުރަތަމަ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވަރުގަދަ ހޫނު ޝޮޓްތަކެއް ފޮނުވާލި ސިޔާމް ވޯލްޑަށް ކުޅުނު ލަންކާ ކުޅުންތެރިޔާ ޖޯޒީ ނަމްބަރު 10 ސަޖިދު ލެހެރުއެވެ.

މުބާރާރާއި ގުޅޭ ގޮތުން ސައިފް ޖަމިއްޔާގެ ރައީސް ހުސައިން ހަމީދު ވިދާޅުވީ މިފަދަ މުބާރާތެއް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކުޅިވަރުގެ ދަނޑުތަކުން ފުރުސަތު ފަހިކޮށްދިނުމާއި ރިސޯޓްތަކުގައި އުޅޭ ހުނަރުވެރި ކުޅުންތެރިންގެ ކުޅަދާނަކަމުން ރަށުގެ ކުޅިވަރުތަކަށް ދިރުން ގެނެސްދިނުމަށް ކަަމަށެވެ.

ހުސައިން ހަމީދު ވިދާޅުވީ މީ މިފަދަ ގޮތަށް ބާއްވާ ފުރަތަމަ މުބާރާތަށް ވުމުން މިފަހަރު ހަމައެކަނި ނ. އަދި ރ. އަތޮޅުގެ ރިސޯޓްތަކަށް ފުރުޞަތު ހުޅުވާލި ނަމަވެސް އަމާޒަކީ ކުރިއަށް އޮތް ތަނުގައި މުބާރާތް އިތުރަށް ރަނގަޅުކޮށް މުޅި ރާއްޖެއަށް ފުރުސަތު ހުޅުވާލާ ހުނަރުވެރި ވޮލީ ކުޅުންތެރިންތަކެއް ވުޖޫދަށް ނެރެދިނުން ކަމަށެވެ.

ހުސައިން ހަމީދު ވަނީ ސައިފް ޖަމިއްޔާއިން އިންތިޒާމްކުރި އިންޓަރ ރިސޯޓް ފުރަތަމަ ވޮލީ މުބާރާތުގައި ވާދަކުރާ ރިސޯޓްތަކަށާއި މުބާރާތް ކުރިއަށް ގެންދިއުމަށް އެ ޖަމިއްޔާއަށް އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

މުބާރާތުގެ ކުޅުން މިރޭވެސް ކުރިއަށްދާނެއެވެ. މިރޭގެ މެޗުގައި ބައްދަލުކުރާނީ ކޯރާ ކޯރާ މޯލްޑިވްސް އާއި ޖޯލި ބީންއެވެ. އުނގޫފާރު ޔޫތު ސެންޓަރު އައުޓް ޑޯ ވޮލީ ކޯޓުގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗް ފެށުމަށް ހަމަޖެހިފައި ވަނީ ރޭގަނޑު 8:45 ގައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް