ހަސަން ލަތީފްގެ ބަޔެއް އިސްލާހުން ގިނަ ކުޅިވަރުތައް ސަސްޕެންޑް ކުރާނެ: މަހުލޫފް

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ކުޅިވަރުގެ ގާނޫނަށް ހުށަހަޅުއްވައިފައިވާ ބަޔެއް އިސްލާހުތަކުން ގިނަ ކުޅިވަރުތަކެއް ސަސްޕެންޑް ވެގެންދާނެ ކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

ޔޫތު މިނިސްޓަރ މިހެން ވިދާޅުވީ، ރޭ ކުރެއްވި ޓުވީޓެއްގައެވެ. މި ޓުވީޓުގައި މިނިސްޓަރ ވިދާޅުވީ، ރައީސްގެ މެނިފެސްޓޯއާއި އެއްގޮތަށް ކުޅިވަރު ސިޔާސީ ނުކޮށް ދަނީ ކުރިއަށް ކަމަށެވެ. މީގެއިތުރުން އެސޯސިއޭޝަން ތަކުގެ އިންތިހާބުތައް ހިނގަނީ ޑިމަކްރެޓިކުކޮށް އިންޓަރނޭޝަނަލް ފެޑެރޭޝަންތަކުގެ ގަވާއިދުތަކާއި އެއްގޮތަށް ކަމަށެވެ. ނަމަވެސް ހަސަން ލަތީފުގެ ބަޔެއް އިސްލާހުތަކުން ގިނަ ކުޅިވަރުތައް ސަސްޕެންޑް ކުރާނެ ކަމަށެވެ.

މި އިސްލާހުތަކަކީ ކޮބައިކަމާއި އަދި ސަސްޕެންޑް ކުރާނެ ކުޅިވަރުތަކަކީ ކޮބައިކަމުގެ ތަފްސީލް މިނިސްޓަރ ދެއްވައިފައި ނުވާއިރު ރައްޔިތުންގެ މަޖިލީހުން 2015 ވަނަ އަހަރު އެކުލަވާލި ކުޅިވަރުގެ ގާނޫނަށް ގިނަ އިސްލާހުތަކެއް ހުށައެޅުއްވުމަށް ތައްޔާރުވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ހަސަން ލަތީފްވަނީ ވިދާޅުވެފައެވެ.

މި އިސްލާހުތައް ހުށަހެޅުއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހަސަން ލަތީފް ވިދާޅުވީ، ރާއްޖޭގެ ކުޅިވަރާބެހޭ އެކިއެކި މުއައްސަސާތަކުގައި ހުރި ފުށުއެރުންތައް ނައްތާލުމާއި އެ މުއައްސަސާތައް ޑިމޮކްރަޓައިޒްކޮށް ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ހިންގޭނެ ނިޒާމެއް ގާއިމް ކުރުން ކަމަށެވެ.

ހަސަން ލަތީފް ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ކުޅިވަރާ ބެހޭ ގައުމީ މަޖިލީހާއި، ސްޕޯޓްސް ކޮމިޝަނާއި، ސްޕޯޓްސް ކޯޕަރޭޝަނާއި، ސްޕޯޓްސް އިނިސްޓިއުޓް އަދި ކުޅިވަރު އެސޯސިއޭޝަންތަކާއި ގުޅޭ ގިނަ ކަންކަން ހިމެނެއެވެ. އަދި ކުޅިވަރާ ބެހޭ ވަޒީރުގެ މަސްއޫލިއްޔަތުތަކާއި، ބާރުތަކާ ގުޅޭ ގޮތުންވެސް އިސްލާހުތަކެއް ވަނީ ހުށަހަޅުއްވާފައެވެ.

މިފަހަކަށް އައިސް މިނިސްޓަރ މަހުލޫފާއި އަދި މެންބަރު ހަސަން ލަތީފާއި ދެމެދު ކޮންމެސް ވަރެއްގެ ބަހުގެ ހަމަލާތަކެއް ބަދަލު ކުރެވިފައި ވެއެވެ. ނަމަވެސް މި ދެބޭފުޅުންވެސް ސީދާސީދަލަށް އެއްވެސް ބޭފުޅަކަށް ބަސްފުޅު އަމާޒު ކޮށްފައެއް ނުވެއެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ