ކޮޕާއެމެރިކާގައި ރޭ ބްރެޒިލް އަދި ޕެރޫ ބައްދަލުކުރި މެޗުން ބޮޑު ތަފާތަކުން މޮޅުވެ ގްރޫޕް އޭ ގެ އެއްވަނައިގެ ގޮތުގައި ބްރެޒިލް ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
ރޭގެ މެޗު ބްރެޒިލް ކާމިޔާބުކޮށްފައިވަނީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މެޗުގެ 12 ވަނަ މިނަޓްގައި ފުރަތަމަ ލަނޑު ބްރެޒިލްއިން ލީޑު ނެގިއިރު މިލަނޑު ކުޓީނިއޯ ނެގި ކޯނަރަކުން ޖަހައިދިނީ ރެއަލްމެޑްރިޑަށް ކުޅެމުން އަންނަ ކަސެމީރޯއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ބްރެޒިލްގެ އިތުރު ދެލަނޑު ފެނިގެން ގޮސްފައިވާއިރު މިލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ ފިރްމީނޯ އަދި އެވަޓަންއެވެ. ފިރްމީނޯގެ ލަނޑަކީ މަޝްހޫރު "ނޯ ލުކް" ލަނޑެކެވެ.

މުޅި މެޗު ކޮންޓްރޯލް ކުރަމުން އައި ބްރެޒިލްއިން ދެވަނަ ހާފުގައިވަނީ އިތުރު ދެލަނޑު ޖަހާފައެވެ. އަލްވޭސް އަދި ވިލިއަންގެ މިދެލަނޑަށްފަހުވެސް އިތުރު ލަނޑެއްޖަހާނެ ރަނުގެ ފުރުޞަތެއް ބްރެޒިލްއަށް ލިބުނެވެ.
އެގޮތުން 93 ވަނަ މިނަޓްގައި ބްރެޒިލްއަށް ލިބުނު ޕެނަލްޓީ ޕެރޫގެ ކީޕަރު ގަލެސް ދިފާޢުކުރިއިރު މިޕެނަލްޓީ ފޮނުވާލީ މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ގޭބްރިއަލް ޖީސޫސްއެވެ.
ރޭގެ މޮޅާއެކު ބްރެޒިލްއަށް ގްރޫޕް އޭ ގެ އެއްވަނަ ލިބޭއިރު ކުއާޓާގައި ބައްދަލުކުރާނެ ޓީމެއް އަދި ކަށަވަރެއް ނުވެއެވެ. އަދި ރޭގެ މެޗުން ޕެރޫ ދަށްވިނަމަވެސް ތާވަލުގެ ތިންވަނާގައި އޮތް އެޓީމަށް ލިބިފައިވާ 4 ޕޮއިންޓާއެކު ކުއާޓާއަށް ދިއުމުގެ ފުރުޞަތު އަދިވެސް އެބައޮތެވެ. އެހެންނަމަވެސް އެކަން ޔަޤީންވެގެންދާނީ މުބާރާތުގެ ގްރޫޕް ސްޓޭޖް މެޗުތަކަށްފަހުގައެވެ.



