މެސީ އަދި ޑިބާލާ - ފޮޓޯ: އެކްސްޓްރާ

އާޖެންޓީނާގެ ކުޅުން ރަނގަޅު ކުރެވޭނީ މެސީ އަދި ޑިބާލާ ގުޅިގެން!

ސަޕޯޓަރުން މާޔޫސްކޮށްލާފަދަ ކުޅުމެއް މިފަހަކަށް އައިސް ދައްކަމުން އަންނަ އާޖެންޓީނާއިން އެމީހުންގެ ކުޅުން ރަނގަޅުކުރަން ބޭނުންނަމަ މެސީ އަދި ޑިބާލާގެ ބޭނުން އެކުގައި ހިފަންޖެހޭކަމަށް ގިނަ ތަޖުރިބާކާރުން ޤަބޫލުކުރެއެވެ.

2016 ވަނަ އަހަރު އާޖެންޓީނާގެ ޤައުމީ ޓީމުން ފުރަތަމަ ފަހަރަށް ފެނިލި ޑިބާލާ، ފުރަތަމަ މެޗުގައި ކުޅުނީ އުރުގުއާއީ ދެކޮޅަށެވެ. މެސީޖެހި ލަނޑަކާއެކު 1-0 ގެ ނަތީޖާއަކުން އެމެޗު އާޖެންޓީނާ ކާމިޔާބުކުރިނަމަވެސް، ދެއްކި ރަތްކާޑާއެކު އެމެޗުގައި ޑިބާލާއަށް އެއް ހާފުވެސް ފުރިހަމަ ކުރެވިފައިނުވެއެވެ.

އޭގެ ފަހުން 2017 ވަނަ އަހަރު އާޖެންޓީނާގެ ކޯޗުކަމާއި ޙަވާލުވި ޖޯޖު ސަމްޕޯލީވެސް މިދެކުޅުންތެރިންނާއެކު އާޖެންޓީނާގައި ރަނގަޅު ޤައުމީ ޓީމެއް އެކުލަވާލަންވަނީ މަސައްކަތްކޮށްފައެވެ.

ޑިބާލާ. ހިގުއައިން އަދި މެސީ - ފޮޓޯ: ގޯލް.ކޮމް

އެހެންނަމަވެސް މިދެކުޅުންތެރިންނަކީ އެއްމަޤާމަކަށް ކުޅެމުން އަންނަ ދެކުޅުންތެރިންކަމުން އެކަންވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.

"މެސީއާއެކު އާޖެންޓީނާއަށް ކުޅެން އަހަރެންނަށް ވަރަށް އުނދަގޫ. އެއީ އަހަރެމެން ދެމީހުން ކުޅެނީ އެއް މަޤާމަކަށްވާތީ. މެސީއަށް ފުރުޞަތު ދިނުމުގެ ގޮތުގައި ބެންޗުގައި މަޑުކުރަނީ އަހަރެން" ޑިބާލާ ބުންޏެވެ.

2018 ވަނަ އަހަރުގެ ވޯލްޑްކަޕްގައިވެސް ޑިބާލާއަށް އާޖެންޓީނާގެ ޤައުމީ ޓީމުން ފުރުޞަތު ލިބިފައިވަނީ އެންމެ 20 މިނަޓަށެވެ. 3-0 ގެ ނަތީޖާއަކުން އާޖެންޓީނާ ބަލިވި އެމެޗުގެ ދެވަނަ ހާފުގައި ޑިބާލާ ކުޅެން ނިކުތްއިރުވެސް އިދިކޮޅު ކޮރޭޝިއާއިންވަނީ ތިން ލަނޑު ޖަހާފައެވެ.

އެހެންނަމަވެސް 2018 ވަނަ އަހަރުގެ ވޯލްޑްކަޕަށްފަހު މެސީ ޓީމާއި ދުރުގައިހުރި ދުވަސްވަރު ޑިބާލާއަށްވަނީ ޤައުމީ ޓީމުން ފުރުޞަތު ލިބިގެން ގޮސްފައެވެ.

މިހާރު އާޖެންޓީނާގެ ކޯޗަކަށްހުރި ސްކަލޯނީ ބުނެފައިވަނީ މެސީ އަދި ޑިބާލާއަކީ އެކުގައި ނުކުޅެވޭނެ ދެމީހުން ނޫންކަމަށެވެ. އަދި އެކަމަށް ކުރަން ޖެހޭ މަސައްކަތް ހުރިކަމަށާއި، ވަގުތު ޖެހުމުން އެކަން ވާނެކަމަށްވެސް ބުނެފައިވެއެވެ.

2016 ވަނަ އަހަރު އުރުގުއާއީއާ ދެކޮޅަށް ކުޅުނު މެޗުގައި ޑިބާލާއަށް ރަތްކާޑު ދައްކަނީ - ފޮޓޯ: ފޮކްސް ސްޕޯޓްސް

އެހެންނަމަވެސް ކޮޕާ އެމެރިކާގެ ދެމެޗު މިހާރުވެސް އާޖެންޓީނާ ކުޅެފައިވާއިރު، ޑިބާލާ އަދިވެސް ބޭނުންކޮށްފައެއްނުވެއެވެ.

އުމުރުން 25 އަހަރުގެ ޑިބާލާއަކީ ހުނަރުވެރި ޒުވާން ކުޅުންތެރިއެކެވެ. އާޖެންޓީނާގެ ސަޕޯޓަރުން މިދެކުޅުންތެރިން އެކުގައި ރީތި ކުޅުމެއް ދެކޭތަން ބަލަން އެތައް ދުވަހަކު އިންތިޒާރުކޮށްފިއެވެ. އާޖެންޓީނާއާއި ޙަވާލުވާ އެއްވެސް ކޯޗަކަށް މިދެކުޅުން އެކުގައި ބޭނުންކުރަން ނޭނގެނީ ކީއްވެހެއްޔެވެ؟ ޑިބާލާގެ ހުނަރު އޭނާގެ ޒުވާން ދުވަސްވަރު ޤައުމީ ޓީމުން ނުފެނި ބޭކާރުކޮށްލަނީ ހެއްޔެވެ؟

މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާގައި އާޖެންޓީނާ ކުޅުނު ދެމެޗުންވެސް މޮޅެއް ލިބިފައިނުވާއިރު, ފުރަތަމަ މެޗުގައި ކޮލަމްބިއާ އަތުންވަނީ ބަލިވެފައެވެ. އަދި ދެވަނަ މެޗުގައި ޕެރަގުއާއީއާ ބައްދަލުކޮށް އެއްވަރު ވެފައި ވީނަމަވެސް އާޖެންޓީނާގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ވަރަށް އާދައިގެ ކުޅުމެކެވެ.

މެސީ އަދި ޑިބާލާ - ފޮޓޯ: ސްޕޯޓް އިންގްލިޝް

މުބާރާތުގެ ދެވަނަ ބުރަށް ދިއުމަށްޓަކައި މިރޭ ގަތަރާ ދެކޮޅަށް ނިކުންނަ މެޗުން އާޖެންޓީނާ ކޮންމެހެންވެސް މޮޅުވާން ޖެހެއެވެ. އަދި މިމެޗުގެ ނަތީޖާ ނިކުންނަ ގޮތަކުން އާޖެންޓީނާ މުބާރާތާއި އަލްވަދާޢު ކިޔަންޖެހިފައިވާއިރު، މިރޭގެ މެޗުން ޑިބާލާ އަދި މެސީ އެކުގައި ފެންނާނެކަމަށް ގިނަ ސަޕޯޓަރުން އުންމީދުކުރެއެވެ.

މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ ރާއްޖެ ގަޑިން 12:00 ގައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް