މުއިއްޒުގެ ވަޢުދު ފަތުރުވެރިކަމުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަމާއި ރިޓަޔަރމަންޓް ސްކީމެއް ތައާރަފްކުރަން

ދިވެހިރާއްޖޭގެ އިޤްތިޞާދީ މައި ތަނގު، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޙާއްޞަކޮށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށާއި، ރިޓަޔަރމަންޓް ޕެންޝަން ސްކީމެއް އެކުލަވާލައްވަން ޑރ. މުޙައްމަދު މުއިއްޒު ވަޢުދުވެވަޑައިގެންފިއެވެ.

ފ. ނިލަންދޫގައި ރޭ ބޭއްވި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މުއިއްޒު ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތުގެ ވަޒީފާގައި އެބައުޅޭ ވިއްސަކަށްހާސް ދިވެހި ރައްޔިތުން އުޅޭއިރު، އެ ރައްޔިތުންނަކީ އެހެން ދާއިރާތަކުގައި މަސައްކަތްކުރާ ރައްޔިތުންނެކޭ އެއްގޮތަށް ސަމާލުކަންދީ، ކަންކަން ކޮށްދޭންޖެހޭނެ ރައްޔިތުންތަކެއް ކަމަށެވެ.

ސިވިލްސަރވިސް ޙާއްޞަ ކެޓަގަރީ، ނަރުހުންނަށް، ޑޮކްޓަރުންނަށް، ޓީޗަރުންނަށް މިހެން ގޮސް އެކި ކެޓަގަރީތަކަމަށް މީގެ ކުރިން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގިފައި ހުރި ނަމަވެސް މިއަދާހަމައަށް އައިއިރުގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހާއްސަކުރެވިގެން ނުވަތަ ޙާއްޞަ ސަމާލުކަމެއްދީގެން ގެދޮރުވެރިކަމުގެ އެއްވެސް މަޝްރޫއެއް ހިންގިފައި ނެތް ކަމަށެވެ.

"އެހެންވީމާ އަޅުގަނޑު ތަކުރާރުކޮށް މިދަންނަވާ ޕޮލިސީގެ ތެރެއިން ދިވެހި ކޮންމެ ރައްޔިތެއްގެ އެންމެ އަސާސީ ޙައްޤެއްގެ ގޮތުގައި އަޅުގަނޑުމެން ޤަބޫލުކުރަނީ ގެދޮރުވެރިކަން ކަމުގައި ވާތީ، އަޅުގަނޑުމެންގެ ސަރުކާރެއްގައި އެންމެ ކުރީކޮޅު ފަށާ ހައުސިންގ މަޝްރޫއުތަކުގެ ތެރޭގައި ވަކި ޙާއްޞަކަމެއް، ވަކިން ޙާއްޞަ ކެޓަގަރީއެއް ހަދައި، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޙާއްޞަކުރެވިފައިވާ ހައުސިންގ ކެޓަގަރީއެއް ޤާއިމުކޮށް ސޯޝަސް ހައުސިންގ ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ސިޔާސަތުގައި ހިމެނޭނެ ކަމެއް ކަމުގައި އަޅުގަނޑު އިއުލާންކޮށްލަން." މުއިއްޒު ވިދާޅުވިއެވެ.

ޤައުމަށް ޢާމްދަނީ ހޯދައިދިނުމުގައި އެންމެ ބުރަ މަސައްކަތެއް އަދި އިޤްތިޞާދަށް ކުރިއެރުން ގެނައުމުގައި އެންމެ ބުރަ މަސައްކަތެއް ކުރާ ޓޫރިޒަމް އިންޑަސްޓްރީގެ މުވައްޒަފުންނަށް ހައުސިންގ ޕްރގްރާމްތަކުގެ ތެރޭގައި ޙާއްޞަ ޕްރްގްރާމެއް ޤާއިމުވެގެންދިއުމަކީ ވަރަށް އިންސާފުވެރި ވަރަށް ޢަދުލުވެރިކަމެއް ކަމަށާއި، އެފަދަ ސްކީމެއް ހިންގާނެކަމުގެ ޔަޤީންކަން ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކަށް އަރުވާކަމަށް މުއިއްޒު ވިދާޅުވިއެވެ.

އިތުރަށް މުއިއްޒު ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތް ހިންގާ ފަރާތްތަކަށާއި ސިނާއަތުގެ މުވައްޒަފުންނަށްވެސް އޭގެން ފައިދާވާ ކަހަލަ ރިޓަޔަރމަންޓް ސްކީމެއް އިރާދަކުރެއްވިއްޔާ ތައާރަފްކުރައްވާނެ ކަމަށެވެ.

"ޓޫރިޒަމް އިންޑަސްޓްރީގައި އެކިއެކި ކުންފުނިތައް ހިންގާ ވެރިންނާ މަޝްވަރާކުރެވިގެން އަދި ރައްޔިތުންގެ މަޖިލީހުގައި މަޝްވަރާކޮށްގެން ކަމާބެހޭ ޤާނޫނާއި ގަވާއިދު އިންޓްރޮޑިއުސްކޮށްގެން ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޙާއްޞަ އިތުރު ބެނެފިޓްތައް ލިބޭ ރިޓަޔަރމަންޓް ޕެންޝަން ސްކީމެއް ތައާރަފްކުރާނެވާހަކަ ދަންނަވަން. އޭގެން އެ ލިބެނީ ވަރަށްވެސް ބޮޑު ހިތްހަމަޖެހުމެއް. ރިޓަޔަރކުރާއިރުގައި ވަރަށްވެސް ރަނގަޅު ޕެކޭޖެއް އިރާދަކުރެއްވިއްޔާ ލިބޭނެ. އެހެންވީމާ އިންޑަސްޓްރީ ހިންގާ ފަރާތްތަކަށްވެސް އޭގެން ފައިދާވާގޮތަށް، މުވައްޒަފުންނަށް ފައިދާވާ ކަހަލަ ރިޓަޔަރމަންޓް ސްކީމެއް އިރާދަކުރެއްވިއްޔާ ތައާރަފްކުރެވިގެންދާނެ." މުއިއްޒު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ