ޕޮލިސް ކޮމިޝަނަރުގެ މަޤާމަށް ދެ ބޭފުޅަކު ޝައުގުވެރިކަން ފާޅުކުރައްވައިފިއެވެ.
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީން މިރޭ ވިދާޅުވީ، ޕޮލިސް ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތު މިއަދު މެންދުރަށް ހަމަވެފައިވާއިރު، އެކަމަށް އެދި ކުރިމަތިލާފައިވަނީ ދެ ބޭފުޅުން ކަމަށެވެ.
މި މަޤާމަށް ކުރިމަތިލައްވާފައިވަނީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު އަދި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.
މި ދެބޭފުޅުންގެ ނަން މިހާރު ވަނީ ދިރާސާ ކުރުމަށް ޕޮލިސް ބޯޑަށް ފޮނުވާފައެވެ.
ޕޮލިސް ކޮމިޝަނަރަކަށް ބޭފުޅަކު އައްޔަން ކުރައްވާނީ އެކަމަށް ހުޅުވާލި ފުރުޞަތުގައި ކުރިމަތިލައްވާ އެސިސްޓެންޓް ކޮމިޝަނަރު ރޭންކުން ފެށިގެން މަތީގެ ފަރާތްތަކުގެ ނަންތައް ޕޮލިސް ބޯޑަށް ފޮނުވައި، އިންޓަވިއުކޮށް، ޤާބިލުކަން ވަޒަންކުރުމަށްފަހު، މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.
އެންމެ ފަހުން ޕޮލިސް ކޮމިޝަނަރުކަން ކުރައްވާފައިވަނީ މުޙައްމަދު ހަމީދުއެވެ. ހަމީދު 2023 ނޮވެމްބަރު 15 ވަނަ ދުވަހު ފުލުހުންގެ ޚިދުމަތުން ރިޓަޔާކުރައްވާފައެވެ. މިހާރު އެކްޓިންގ ކޮމިޝަނަރުގެ މަޤާމް ފުރުއްވަނީ އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީއެވެ.



