ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (މެދު) - ފޮޓޯ: ސަން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯ ބަލަން ތައްޔާރުވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯ ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތައްޔާރުވެއްޖެއެވެ.

ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯ ބެލުމަށް ޖޭއެސްސީ އަށް ހުށަހަޅާ ގަރާރެއް ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފުތާގައި ވަނީ ފާސްކޮށްފައިވާއިރު، އެނގިފައިވާ ޝަރުތު ހަމަވޭތޯ ބެލުމަށް ބާއްވާ ޖޭއެސްސީގެ ބައްދަލުވުން އެޖެންޑާކޮށްފައިވަނީ މާދަމާއަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ފެންވަރު ބެލުމުގެ މަސައްކަތް ކުރުމަށް ޖޭއެސްސީ އިން ތައްޔާރުވިއިރު، މީގެ ކުރިން އެކަން ކުރުމަށް ކުރި މަސައްކަތްތަކަށް ސުޕްރީމް ކޯޓުން އެކި ގޮތްގޮތުން ހުރަސްއަޅާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއްގައި ޖޭއެސްސީގެ މެންބަރަކު ވަނީ ވިދާޅުވެފައެވެ.

ގާނޫނުއަސާސީގެ 285 ވަނަ މާއްދާ ބުނާގޮތުން، ގާނޫނުއަސާސީ އަށް އަމަލު ކުރަން ފަށާއިރު ތިބި ފަނޑިޔާރުންގެ ކިބައިގައި ފުރިހަމަ ވާންޖެހޭ ޝަރުތުތައް ފުރިހަމަ ވޭތޯ ނުވަތަ ނޫންތޯ ޖޭއެސްސީން ދެ އަހަރު ދުވަސް ތެރޭގައި ކަނޑައަޅަން ޖެހޭނެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯ ބަލަން ޖޭއެސްސީގައި އެޖެންޑާ ކުރިއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލަތަކެއް އެ ކޮމިޝަނުން ދަނީ ބަލަމުންނެވެ. އޭނާ ސުޕްރީމް ކޯޓަށް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ތެރޭގައެވެ.

2010 ވަނަ އަހަރު ދާއިމީ ސުޕްރީމް ކޯޓު އެކުލަވާލިއިރު އައްޔަން ކުރެއްވި ފަނޑިޔާރުންގެ ތެރެއިން ސުޕްރީމް ކޯޓުގައި މިވަގުތު ތިއްބެވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފްގެ އިތުރުން ފަނޑިޔާރު އާދަމް މުހައްމަދެވެ. ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވީ މިދިޔަ އަހަރެވެ.

ޝަރުޢީ ދާއިރާ އިސްލާޙްކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާއިރު، ގިނަ އަދަދެއްގެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއްވެސް ޖޭއެސްސީއަށް ހުށަހެޅިފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ