އަހަރެއްގެ ތެރޭ ނިންމާގޮތަށް ތިންރަށެއްގެ ބަނދަރުހަދަން ބަޔަކާ ހަވާލުކޮށްފި

ކުރު މުއްދަތެއްގެ ތެރޭގައި ނިންމާގޮތަށް ތިން ރަށެއްގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއު ދެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގައި ކޮންޓްރެކްޓަރާއެކު ސޮއިކޮށްފައިވަނީ ށ.ނޫމަރާ ބނަދަރާއި، ނ.ހެނބަދޫ ބަނދަރުގެ އިތުރުން ސ.މީދޫގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެއެވެ.

ށ.ނޫމަރާ ބަނދަރު ހެދުމުގެ މަޝްރޫއު 9.9 މިލިއަން ރުފިޔާއަށް ސާސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ އެއް އަހަރު ތެރޭގައި ނިންމާގޮތަށެވެ. މި އެއްބަސްވުމުގައި އެކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޢަބްދުﷲ ސަވާދުއެވެ.

މި މަޝްރޫއުގެ ދަށުން އެރަށު ބަނދަރުގައި 48 މީޓަރުގެ ގްރޮއިން ޖެހުމާއި، 63 މީޓަރުގެ ބޭރު ތޮށި ޖެހުމުގެ އިތުރުން 2 ނެރުބައްތި ޖެހުން ހިމެނެއެވެ.

ނ.ހެނބަދޫ ބަނދަރު ހެދުމުގެ މަޝްރޫއު 26.6 މިލިއަން ރުފިޔާއަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާ ހަވާލުކޮށްފައިވަނީ 300 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

މި މަޝްރޫއުގެ ދަށުން އެރަށު ބަނދަރުގައި 23 މީޓަރުގެ ގްރޮއިން ޖެހުމާއި، 223 މީޓަރުގެ ބޭރު ތޮށި ޖެހުމާއި، 4 ނެރުބައްތި ޖެހުމާއި، 86 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 203 މީޓަރުގެ އެއްގަމު ތޮށި ޖެހުމާއި، ބަނދަރުގައި 11m x 11m ގެ ރޭމްޕެއް ހެދުމޖާއި، އެއްގަމުތޮށި ވަށައިގެން ޕޭވްމަންޓް ހެދުމުގެ އިތުރުން ބަނދަރު ފުންކުރުން އަދި ބަނދަރު ސަރަހައްދުގައި 11 ލައިޓް ހަރުކުރުން ހިމެނެއެވެ.

ސ.މީދޫ ބަނދަރު ހެދުމުގެ މަޝްރޫއު 35.4 މިލިއަން ރުފިޔާއަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާ ހަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޙަސަން ޝާޙްއެވެ.

މި މަޝްރޫއުގެ ދަށުން އެރަށު ބަނދަރުގައި 115 މީޓަރުގެ ބޭރު ތޮށި ޖެހުމާއި، 4 ނެރުބައްތި ޖެހުމާއި، 496 މީޓަރުގެ އެއްގަމު ތޮށި ޖެހުމާއި، ބަނދަރުގައި 11m x 11m ގެ ރޭމްޕެއް ހެދުޖާއި، އެއްގަމުތޮށި ވަށައިގެން ޕޭވްމަންޓް ހެދުމުގެ އިތުރުން ބަނދަރާއި، ބަނދަރު މަގު ފުންކުރުން އަދި ބަނދަރު ސަރަހައްދުގައި ލައިޓް ޖެހުން ހިމެނެއެވެ.

މި ތިންރަށުގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޝާނާ ފާރޫޤްއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް