މާލޭގެ އިމާރާތެއްގެ މަތިން ވެއްޓުނު ހޮޅިދަނޑިއަކުން ޖެހި އަންހެނަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ވިދާޅުވީ، ހޮޅިދަނޑިއެއް ވެއްޓިފައިވަނީ ރޯޝަނީ ގޯޅީގައި ހަދަމުންދާ އިމާރާތެއްގެ މަތިން ކަމަށެވެ. އަދި މި ހާދިސާގައި އަންހެނަކަށް އަނިޔާވެފައިވާ ކަމަށެވެ.
މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިރޭ 7:29 ހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.
އަނިޔާވި އަންހެންމީހާއަށް މިހާރު އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އެ އަންހެންމީހާއަށް ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް އަދި ސާފެއް ނުވެއެވެ.
ފުލުހުންދަނީ މި ހާދިސާ އިތުރަށް ތަހުޤީގު ކުރަމުންނެވެ.
މާލޭގައި އިމާރާތްތަކުގެ މަތިން ވެއްޓޭ އެއްޗެހީގެ ސަބަބުން މީގެ ކުރިންވެސް މިފަދަ ހާދިސާތައް ހިނގައިފައި އެބަހުއްޓެވެ. ހާއްސަކޮށް އިމާރާތްކުރަމުންދާ ތަންތަނުގެ މަތިން ވެއްޓޭ ތަކެތީގެ ސަބަބުން މީހުންނަށް އަނިޔާވާއިރު، މަރުގެ ހާދިސާތައްވެސް ހިނގާފައިވެއެވެ.
 
								
 
											
 
								 
								 
								

 
														 
														 
														 
														 
														 
														