ރާއްޖެ އާއި ޗައިނާއާއި ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެވޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ، ޗައިނާގެ އައު އަހަރު ފެށުމުގެ މުނާސަބަތުގައި، ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ފޮނުވި ތަހުނިޔާގެ މެސެޖުގައެވެ.
ޗައިނާގެ ރައީސަށާއި، ޗައިނާގެ ސަރުކާރަށާއި، ޗައިނާގެ އެކުވެރި ރައްޔިތުންނަށް ފޮނުވި މި ތަހުނިޔާގެ މެސެޖުގައި ރައީސް ޑރ. މުއިއްޒު ވަނީ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތް ރަޙުމަތްތެރިކަމުގެ ގުޅުމުގެ މައްޗައް އަލިއަޅުއްވާލައްވައިފައެވެ.
އެގޮތުން ރާއްޖެ އާއި ޗައިނާއާއި ދެމެދު އުފެދިފައިވާ ގުޅުން ބިނާވެފައިވަނީ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ އިޙްތިރާމާއި އިތުބާރުގެ މައްޗަށްކަމުގައި ރައީސް ޑރ. މުއިއްޒު ފާހަގަކުރެއްވިއެވެ. އަދި އަދި ދެ ޤައުމުން އެކުގައި މަސައްކަތްކޮށްގެން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެވޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމުގައި އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރުން، ޕްރިމިއަރ އޮފް ދަ ސްޓޭޓް ކައުންސިލް، އަދި ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ ސެންޓްރަލް ކޮމިޓީގެ މެމްބަރ އޮފް ދަ ސްޓޭންޑިންގ ކޮމިޓީ އޮފް ދަ ޕޮލިޓިކަލް ބިއުރޯ، ލީ ޗިއާންގއަށް ރައީސް ފޮނުއްވި މެސެޖުގައި އެމަނިކުފާނު ވަނީ ހޫނު މަރުޙަބާއެއް ދަންނަވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް ދެމިތިބޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.



