އދ. އަތޮޅުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް ހޭލުންތެރިކޮށްފި

އދ. އަތޮޅުގެ ބައެއް ރަށްރަށުގެ ސްކޫލު ދަރިވަރުންނާއި ބެލެނިވެރިންނަށް މައުލޫމާތުދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

ކްރައިމް ޕްރިވެންޝަން ޑިޕާޓްމަންޓާއި އދ. އަތޮޅު ފުލުހުން ގުޅިގެން އޮކްޓޫބަރު 31 އިން ނޮވެމްބަރު 6 އަށް މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މަހިބަދޫ، އޮމަދޫ، މާމިގިލި، ފެންފުށި، ދަނގެތި، ދިގުރަށް އަދި މަންދޫގައެވެ.

ރަށްރަށުގައި ވަކިވަކިން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ސްކޫލުތަކުގެ ދަރިވަރުންނަށް މައުލޫމާތު ދީފައިވަނީ "ދިރިއުޅުމުގެ ރިވެތި އަދަބުތައް" މި މައުލޫގެ ދަށުންނެވެ. އެގޮތުން، މަގުމަތީގެ އަދަބުތައް، ތިމާއަށްވުރެ ބޮޑެތި މީހުންނަށް އިހުތިރާމުކުރުން، ރިވެތި އަހުލާގު އަދި އެކި ކަހަލަ ކުށްތަކުން ރައްކާތެރިވުމަށް މައުލޫމާތު ދީފައިވެއެވެ. އަދި ކިޔަވާ ދަރިވަރެއްގެ ޒިންމާތަކާއި ރަނގަޅު އެކުވެރިން އިހުތިޔާރުކުރުމުގެ މުހިންމުކަމާއި ކުށުގެ ވެށިން ރައްކާތެރިވެތިބުމަށް މަސައްކަތްކުރާނެ ގޮތްތައް ކިޔައިދީފައިވެއެވެ.

އޭގެ އިތުރުން، ކުޑަކުދިންގެ ހައްގުތަކާއި ޒިންމާތައް، މައިންބަފައިންނަށް އިހުތިރާމުކުރުމުގެ މުހިންމުކަން، ސެލްފް މޯޓިވޭޝަން، އިސްލާމް ދީނާއި ގައުމު ދެކެ ލޯބިވުމުގެ މުހިއްމުކަން ވެސް ކިޔައިދީފައިވެއެވެ. އަދި ސޯޝަލް މީޑިއާ ބޭނުންކުރުމުގައި ރައްކާތެރިވުމުގެ މުހިންމުކަމާއި އެއް ކުއްޖަކު އަނެއް ކުއްޖަކު ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ އިތުރުން ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ މުހިންކަން ވެސް ދަރިވަރުންނަށް ކިޔައިދީފައިވެއެވެ.

ބެލެނިވެރިންނަށް މައުލޫމާތުދިނުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމުގައި މައުލޫމާތުދީފައިވަނީ"ކާމިޔާބު އާއިލާ" މި މައުލޫގެ ދަށުންނެވެ. އެގޮތުން، ކުށުގެ ވެށިން ދަރިން ރައްކާތެރިކުރުމުގެ މުހިންމުކަމާއި ރައްކާތެރިކުރުވުމަށް ކުރެވިދާނެ ކަންކަމާއި ބެލެނިވެރިންގެ ޒިންމާތަކާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި ރިވެތި ސިފަތަކެއް ލިބިގެންވާ ދަރިއަކު ތަރުބިއްޔަތުކުރުމުގައި ވިސްނަންވީ ކަންތައްތަކާއި ކުދިންގެ މެދުގައި ސްކޫލު ތެރޭގައި ދިމާވާ މައްސަލަތައް ސުކޫލާ ގުޅިގެން ހައްލުކުރާނެ ގޮތްތަކުގެ އިތުރުން ރިވެތި ނަމޫނާ ދެއްކުމުގެ މުހިންމުކަމާއި ސޯޝަލް މީޑިއާ ބޭނުންކުރުމުގައި ހާއްސަ ސަމާލުކަން ދޭންޖެހޭ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

 

މި ޕްރޮގްރާމުގައި 543 ދަރިވަރުން، 739 ބެލެނިވެރިން އަދި 58 މުދައްރިސުންނަށް މައުލޫމާތު ދީފައިވެއެވެ.

މިއީ އަތޮޅުތަކުގައި ސިލްސިލާކޮށް ފުލުހުން ކުރިއަށް ގެންދާ ހަރަކާތެކެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ