މެލޭޝިޔާގެ ކުއަލަލަމްޕޫރުގައި ހުންނަ ޕެޓްރޯނާސް ޓްވިން ޓަވަރސްއަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ޒިޔާރަތްކުރައްވައިފިއެވެ.
ރައީސް މުޢިއްޒު، ޕެޓްރޯނާސް ޓްވިން ޓަވަރސްއަށް ޒިޔާރަތް ކުރައްވާފައި ވަނީ މެލޭޝިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރޭންނެވެ.
އެ ޒިޔާރަތުގައި އެ ރައީސް ވަނީ އެ އިމާރާތުގެ މިއުމާރިއްޔާތު ބައްލަވާލައްވައި، އެތަނާގުޅޭ މުހިންމުކަންކަން އޮޅުންފިލުއްވައިފައެވެ.
ޕެޓްރޯނާސް ޓްވިން ޓަވަރސް އަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ވިދާޅުވީ، މެލޭޝިއާ ޕެޓްރޯލިއަމް މެނޭޖްމަންޓް (އެމް.ޕީ.އެމް) ގެ ސީނިއަރ ވައިސް ޕްރެޒިޑެންޓް ހިޒް އެކްސެލެންސީ ބަޗޯ ޕިލޮންގްއެވެ.
އެއަށްފަހު ސްކައިބްރިޖާއި އޮބްޒަވޭޝަން ޑެކްގެ ޓުއާއެއް ރައީސްއަށް ދެއްވިއެވެ. އަދި އެތަނާ ގުޅިފައިވާ އީޖާދީ މިއުމާރިއްޔާތާއި ޤައުމިއްޔަތުގެ ނަޒަރަކުން އެ ޓަވަރުތަކުގެ މުހިންމުކަމާ ބެހޭ ގޮތުންވެސް ރައީސްއާ މައުލޫމާތު ޙިއްޞާކުރެއްވިއެވެ.
ރައީސްގެ މި ދަތުރުފުޅުގެ މަޤްޞަދަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފަހިކޮށް، އެ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވައިދެއްވުމެވެ.
މެލޭޝިއާގެ ސަގާފަތާއި ތަރިކައާއި ގުޅުންހުރި މިފަދަ މުހިންމު ތަންތަނަށް ރައީސް ޒިޔާރަތްކުރެއްވުމަކީވެސް ދެ ޤައުމުގެ މެދުގައި އޮތް ރަހުމަތްތެރިކަމުގެ ގުޅުން ރަމްޒުކޮށްދޭ ކަމެކެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ މެލޭޝިޔާއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުންވެސް ދެ ޤައުމުގެ މެދުގައި އޮތް ގާތް އަދި ދެމެހެއްޓެނިވި ގުޅުން ދައްކުވައިދެއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.



