މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު މިއަދު މާލެ ވަޑައިގެންފިއެވެ.
ރައީސްގެ މި ދަތުރުފުޅަކީ މެލޭޝިއާގެ ބޮޑުވަޒީރު ޔާންގް އަމަތް ބަރހޮރމަތް ޑާޓޯ ސެރި އަންވަރް ބިން އިބްރާހީމްގެ ދަޢުވަތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި މެލޭޝިއާއަށް ވަޑައިގަތުމުން މި މަހުގެ 28 ވީ ހޯމަ ދުވަހު ޕުތްރަޖާޔާގައި ވަނީ ރައީސް މުޢިއްޒުއަށް ރަސްމީ ގޮތުން މަރުޙަބާ ދަންނަވާފައެވެ.
އެ މަނިކުފާނުގެ މި ދަތުރުފުޅުގައި މެލޭޝިއާގައި ކުރިއަށްގެންދިޔަ މޯލްޑިވްސް - މެލޭޝިއާ ބިޒްނަސް ފޯރަމް 2025 ގައި ތަޤުރީރުކުރައްވައި، ދިވެހިރާއްޖޭގައި އުފެދިފައިވާ ވިޔަފާރީގެ އާ ފުރުޞަތުތަކުގެ ބޭނުން ހިފައި، ރާއްޖެއަކީ މިހާރަށް ވުރެ ވަރުގަދަ، ވިޔާފާރިތަކަށް ފަހި އަދި މުސްތަޤުބަލަށް ތައްޔާރުވެފައިވާ ޤައުމަކަށް ހެދުމަށް ރައީސް ގެންގުޅުއްވާ ތަސައްވުރުގައި ބައިވެރިވުމަށް، މެލޭޝިއާގެ ވިޔަފާރިތަކަށް ދަޢުވަތު ދެއްވިއެވެ.
އަދި އެ ޤައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި، އެމީހުންގެ ޙާލު ރައީސް ބައްލަވާފައި ވެއެވެ.
މި ބައްދަލުކުރެއްވުމުގައި އެ މަނިކުފާނު ވަނީ ދިވެހި ދަރިވަރުންނަށް ކަންކަން ފަސޭހަކޮށްދިނުމުގެ ގޮތުން، އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ދައުލަތުގެ ބަޖެޓުން މެލޭޝިއާގައި ކިޔަވާ ދަރިވަރުންގެ "މޯލްޑިވިއަން ސްޓޫޑަންޓްސް އެސޯސިއޭޝަން" އަށް 3،000 އެމެރިކާ ޑޮލަރަށްވާ މެލޭޝިއާ ރިންގިޓް ޖަމާކުރެއްވުމަށް ނިންމަވާފައެވެ.
އެ ހަފުލާގައި، ދިވެހި އައި.ޑީ ކާޑުގެ ޚިދުމަތާއި، ދިވެހި އިލެކްޓްރޯނިކް ޕާސްޕޯޓްގެ ޚިދުމަތް މެލޭޝިއާގައި ރަސްމީކޮށް ފައްޓަވައިދެއްވައި އަދި "މޯލްޑިވިއަން ސްޓޫޑަންޓްސް އެސޯސިއޭޝަން" އިފްތިތާޙްކޮށްދެއްވިއެވެ.
މި ދަތުރުފުޅުގެ އުސްއަލިތަކުގެ ތެރޭގައި މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ (އައި.އައި.ޔޫ.އެމް) ގެ ފަރާތުން ރައީސް މުޢިއްޒުއަށް، "އިސްލާމިކް ލީޑަރޝިޕް އެންޑް މަދަނީ ޑިވެލޮޕްމަންޓް" ގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީގެ އޮނޮރަރީ ޑިގްރީއެއް އަރުވާފައި ވެއެވެ.
މި އޮނޮރަރީ ޑޮކްޓަރޭޓްކަމުގެ ޝަރަފު ޤަބޫލުފުޅުކުރައްވައި ރައީސް ވަނީ "އިންޓެލެކްޗުއަލް ރިނައަސާންސް: އަންވެއިލިންގ ދަ ސައިންޓިފިކް އެންޑް މޮޑަރން ޑިވެލޮޕްމަންޓް އޮފް ދަ އިސްލާމިކް ސިވިލައިޒޭޝަން،" މި މަޢުޟޫއަށް ތަޤުރީރެއް ކުރައްވާފައެވެ.



