އިމިގްރޭޝަންގެ އޮފިޝަލުން ބިދޭސީންގެ ބަޔޯމެޓްރިކްސް އެއްކުރުމުގެ މަސައްކަތް ކުރަނޫ. ފޮޓޯ: ޕީއެސްއެމް

ބިދޭސީންގެ ބައޯމެޓްރިކްސް އަދާހަމަނުކުރާ ފަރާތްތައް އާދިއްތަ ދުވަހުން ފެށިގެން ސިސްޓަމުން ބްލޮކްކުރާނެ

މިހާތަނަށް ބަޔޯމެޓްރިކް އަދާހަމަކޮށްފައިނުވާ ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ހުރިހާ ފަރާތްތައް އަންނަ އާދިއްތަ ދުވަހުން ފެށިގެން ސިސްޓަމްގެ ތެރެއިން ބްލޮކް ކުރަން ފަށާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ދައުލަތުގެ ޓީވީއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ. ވަޒީރު އިޙްސާން ވިދާޅުވީ ބިދޭސީން ޤާނޫނާ ޤަވާއިދުގެ ތެރެއަށް ގެނައުމަށް މިދިޔަ އަހަރުން ފެށިގެން ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަމަށެވެ.

އެގޮތުން އެމަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އެއްލައްކަ ފަންސާސް ހާސް ބިދޭސީ މަސައްކަތްތެރިންގެ މަޢުލޫމާތު އެއްކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތްތައް ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާކަން ފާހަގަކުރައްވާ ވަޒީރު އިހްސާން ވިދާޅުވީ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމި ދެވަނަ ފިޔަވަހީގެ މަސައްކަތްތައްވެސް ނިމުމަކާ ގާތަށް ގޮސްފައިވާކަމަށެވެ.

އަދި 3 ވަނަ ފިޔަވަހީގައި މަޢުލޫމާތުތައް ހޯދާފައިވާ ބިދޭސީން ޤަވާއިދުގެ ތެރެއަށް ވެއްދުމަށް މަގު ފަހިކޮށްދެމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މަސައްކަތްތެރިންނަށް ވޯކް ޕާމިޓް ހޯދުމަށާއި ސައިޓް ރަޖިސްޓްރީ ކުރުމަށް މިހާރު ކުރިމަތިވެފައިވާ ދަތިތައް ވަރަށް ބޮޑަށް ފަސޭހަ ކުރާނެކަމަށް ވިދާޅުވިއެވެ.

ބިދޭސީންނަށް ވަޒީފާ ދިނުމަށްފަހު އިހްމާލުވާ ފަރާތްތައް 50،000 ރުފިޔާއިން ޖޫރިމަނާކުރަން ފަށާނެކަން ފާހަގަކުރައްވާ ވަޒީރު އިހްސާން ވިދާޅުވީ މިހާތަނަށް ބަޔޯމެޓްރިކްސް އަދާހަމަނުކުރާ ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ހުރިހާ ފަރާތްތައް އަންނަ އާދިއްތަ ދުވަހުން ފެށިގެން ސިސްޓަމްގެ ތެރެއިން ބްލޮކް ކުރަން ފަށާނެކަމަށެވެ. ބިދޭސީންގެ ބައޯމެޓްރިކްސް އަދާހަމަކުރުމުގެ ފުރުޞަތު މިދިޔަމަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ.

އިޙްސާން ވިދާޅުވީ މިހަފްތާ ނިމުމަށްފަހު ޤަވާއިދާ ޚިލާފަށް ވިސާ ފީ ނުދައްކާ ފަރާތްތައް ހޯދުމަށްފަހު ޑީޕޯޓްކުރުމުގެ މަސައްކަަތް ފުޅާދާއިރާއެއްގައި ކުރިއަށްގެންދަވާނެކަމަށެވެ. ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ރެއިޑް އޮޕަރޭޝަންތައް އަތޮޅުތެރެއަށްވެސް ފުޅާކޮށްފައިވާކަން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ފާހަގަކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ