ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ރިޔާސީ ކޮމިޝަނުގެ ހުށަހެޅުންތައް ތަންފީޒުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމްގެ ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، މި މައްސަލައިގައި ވަކިވަކި ފުލުހުން އިހުމާލުވެފައިވާ މިންވަރު ދެނެގަތުމަށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން ތަޙުޤީޤު ކުރިއަށްގެންދާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ކޮމިއުނިކޭޝަން ސެންޓަރުގެ ޕްރޮސީޖަރތައް މުރާޖަޢާކޮށް، އެސްއޯޕީތަކަށް މުވައްޒަފުން އަހުލުވެރިކުރުވާފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ރިޔާސީ ކޮމިޝަނުން ޖިނާއީ ތަޙުޤީޤެއް ހިންގަން ޖެހޭކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދާއޫދު އަޙްމަދުގެ ބަޔާން ނަގާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ޔުމްނު ވެއްޓުނު ރޭ، އޭނާއާއެކު އިމާރާތުގައި އުޅުނު ރައުދު އަޙްމަދާ ބައްދަލުވި އިތުރު ފަރާތްތަކުގެ ބަޔާން ނެގުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ހ. ފެންޓޮނޯއީ ގެއަށް ޔުމްނު އަދި ރައުދު އަޙްމަދު ޒިލާލް ވަދެފައިވަނީ އަމިއްލަ އިޚްތިޔާރުގައެވެ.
ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި "އެރޭ ކަންކަން ހިނގާފައިވާގޮތުން ޔުމްނު ވައްޓާލީ ކަމަށް ބެލުމުގެ ފުރުސަތު ހަނި" ކަމަށް ފާހަގަކޮށްފައިވާއިރު، މައްސަލައިގައި ކަން ހިނގައިދިޔަ ގޮތާއި އޭގެ ވަށައިގެން ހިނގައިދިޔަ ކަންކަމުގެ އިތުރުން އެކި ފަރާތްތަކުން ކޮށްފައިވާ ތުހުމަތުތަކަށްވެސް ވަނީ ރިއާޔަތްކޮށްފައެވެ.




