މަސްތުވާތަކެއްޗާ ގުޅޭ ޤައުމީ ސިޔާސަތު އަންނަ މަހުގެ ނިޔަލަށް އެކުލަވާލެވޭނެ: ވަޒީރު އިޙްސާން

މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތްތަކުގެ ދަށުން އެކުލަވާލާ ޤައުމީ ޑްރަގް ޕޮލިސީގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، މި ސިޔާސަތު އެކުލަވާލުމަށް އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާ (އދ.) އާ އެކު މަސައްކަތްކޮށް، އިނީޝިއަލް ޑްރާފްޓެއް މިހާރު ވާނީ އެކުލަވާލާފައި ކަމަށެވެ. ނަމަވެސް މި ޑްރާފްޓަކީ ހަމައެކަނި ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ބަލައިގެން އެކުލަވާލާފައިވާ ޑްރާފްޓެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިޙްސާން އިތުރަށް ވިދާޅުވީ، ރާއްޖޭގައި މަސްތުވާތަކެތީގެ ހާލަތު އޮތް މިންވަރާއި، ރާއްޖޭގައި ބޭނުންކުރާ މަސްތުވާތަކެތީގެ ބާވަތްތަކަށް ރިޢާޔަތްކޮށް އެ ޑްރާފްޓަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. މި މަސައްކަތަށް ބޭނުންވާ މަޢުލޫމާތު ރަށްރަށުގައި ގާއިމުކޮށްފައިވާ ފުލުހުންގެ ސްޓޭޝަންތަކުން މިހާރުވެސް ހޯދަމުންދާ ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ބޭނުންކުރާ މަސްތުވާތަކެތީގެ ބާވަތްތަކާއި، އެކަމުގެ ހާލަތު ދެނެގަތުމަށް ޕައިލެޓް ސްޓަޑީއެއް ހެދުމުގެ މަސައްކަތް މިދިޔަ ޖުލައި މަހު ސަރުކާރުން ވަނީ ފަށާފައެވެ. މި ސްޓަޑީއަކީ ހާލަތު ދެނެގަތުމާއި، ފަރުވާގެ ނިޒާމު ބައްޓަންކުރަންވީ ގޮތް ދެނެގަތުމަށް މަޢުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ ދިރާސާއެކެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ބޭއްވި ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގެ ބައްދަލުވުމުގައި މަސްތުވާތަކެއްޗާ ގުޅުންހުރި ޤައުމީ ސިޔާސަތު އެކުލަވާލުމަށް ނިންމާފައިވާއިރު، މި މަސައްކަތް އަންނަ މަހުގެ 30 ވަނަ ދުވަހުގެ ކުރިން ނިންމުމަށް މަސައްކަތްކުރަމުންދާ ކަމަށް ވަޒީރު އިޙްސާން ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ