ސަރުކާރުން ފަށާފައިވާ ޑްރަގް ޕްރިވަލަންސް ސާވޭއާއެކު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ބޭނުންކުރާ މަސްތުވާތަކެއްޗާ ބެހޭ ފުރިހަމަ މައުލޫމާތު ލިބިގެންދާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް ކުރެއްވި ސުވާލަކަށް ލިޔުމުން ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، މި ސާވޭ ހެދުމަށް ކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާކުރެވި، ފުލުހުންގެ ޚިދުމަތާއި ނޭޝަނަލް ޑްރަގް އެޖެންސީއާއި ޑްރަގް ކޯޓުން ޕްރައިމަރީ ޑޭޓާ ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މި ސާވޭ ހެދުމަށް އދ. ގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) ގެ އެހީތެރިކަމަށް އެދިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަކީ ޞިއްޙީ ނުރަނގަޅު އާދަކާދަތައް އަށަގެންފައިވާ ބަޔަކަށްވާތީ، ގައިންގަޔަށް އަރާ ބަލިތަކާއި އެހެނިހެން ބަލިތައް އެ މީހުންގެ ފަރާތުން ފެތުރުމުގެ ރިސްކް ވަރަށް ބޮޑެވެ. މި ކަމަށްޓަކައި، އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުގެ އެހީތެރިކަމާއެކު އެ މީހުންގެ އާއިލާތަކާ ގުޅިގެން ނޭޝަނަލް ޑްރަގް އެޖެންސީން ޞިއްޙީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ވިދާޅުވިއެވެ.
އެންޑީއޭއިން މަސްތުވާތަކެއްޗަށް ފަރުވާ ދިނުމުގެ ގޮތުން ހަދާ އެސެސްމަންޓުތަކުންނާއި ޓެސްޓްކުރެވޭ ކުޑަކަމުދާތަކެތީގެ ރިޕޯޓުތަކުން ޑޭޓާ އެއްކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ ފަރާތްތަކުގެ ކުޑަކަމުދާތަކެތި ޓެސްޓުކޮށްގެން ލިބޭ ރިޕޯޓުތައް އެ މުއައްސަސާއިން އެންޑީއޭއާ ހިއްސާކުރަމުންދާ ކަމަށްވެސް ފާހަގަކުރެއްވިއެވެ.
ވަޒީރު އަލީ އިޙްސާން ނިންމާލަމުން ވިދާޅުވީ، މިހާރު ކުރިއަށްދާ ޑްރަގް ޕްރިވަލަންސް ސާވޭ ނިމުމުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ބޭނުންކުރާ މަސްތުވާތަކެތީގެ ބާވަތްތަކާއި އެ ތަކެތި ބޭނުންކުރާ ގޮތްތަކުގެ ފުރިހަމަ މައުލޫމާތު ލިބިގެންދާނެ ކަމަށެވެ.



