ދިވެހިރާއްޖޭގެ މާލީ ހާލަތު ރަނގަޅު ރާސްތާއަކަށް ގެނެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ، ރަނގަޅު ޓްރެންޑެއްގައި ދައުލަތުގެ ރިޒާވް ކުރިއަށްދާ ކަމަށެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް އަހަރުގެ މިހާތަނަށް 2.5 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާއި، މީގެ ތެރޭގައި ބޭރުގެ ފަރާތްތަކުން 2022 ވަނަ އަހަރު ނަގާފައިވާ 100 މިލިއަން ޑޮލަރުގެ ލޯނު ހިމެނޭ ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.
"ޤައުމުގެ ފިސްކަލް ހާލަތަށް ބަލާއިރު،1 ޖަނަވަރީ 2025 އިން 24 އެޕްރީލް 2025 ގެ ނިޔަލަށް ދައުލަތަށް ލިބިފައިވާ އާމްދަނީއާއި ހިލޭ އެހީގެ ޖުމުލައަކީ 12.4 ބިލިއަން ރުފިޔާ" ރައީސް ވިދާޅުވިއެވެ.
އެ މުއްދަތުގެ ތެރޭގައި ޖުމުލަ ޚަރަދަކީ10.5 ބިލިއަން ރުފިޔާ ކަމަށާއި މިއީ ޖުމުލަ ޚަރަދު ކަމަށއި އޯވަރޯލް ބަޖެޓު ސަރޕްލަސް އަކީ 1.9 ބިލިއަން ރުފިޔާ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ޕްރައިމަރީ ބެލެންސަކީ 3.5 ބިލިއަން ރުފިޔާގެ ސަރޕްލަސް އެއް ކަމަށް ރައީސް ވިދާޅުވިއެވެ.




