ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމަށް 2130 މަޝްރޫޢެއް ރޭވިގެން އެބަ ކުރިއަށްދޭ

ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ފުއްދުމަށްޓަކައި ޖުމުލަ 2130 މަޝްރޫޢެއް ރޭވިގެން އެ މަޝްރޫޢުތަކުގެ މަސައްކަތް އެކިއެކި މަރުޙަލާގައި ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރައީސް އޮފީހުގައި އިއްޔެ 15 ގަޑި އިރަށްވުރެ ގިނަ އިރަށް ދިގުދެމިގެން ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތު ހިއްސާކުރައްވަމުންނެވެ.

ރައީސް ވަނީ އެ މަނިކުފާނުގެ ރިޔާސީ ވަޢުދުފުޅުތަކާއި ވެރިކަމަށް ވަޑައިގަތުމަށްފަހުވެސް ރައްޔިތުންނާއި އެކިއެކި މުނާސަބަތުތަކުގައި ބައްދަލުވެ ރައްޔިތުންގެ ޙާލު ބައްލަވައި، އެކި ކަންކަމުގައި އެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކަށް އެދެވޭ ޙައްލުތަކެއް ހޯއްދަވައިދެއްވުމަށް  ވެވަޑައިގެންފައިވާ އެކިއެކި ވަޢުދުފުޅުތަކުގެ ތަފުސީލުތައް ހިއްސާކުރައްވާފައެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ މަނިކުފާނުގެ މެނިފެސްޓޯއާ ގުޅިގެން 289 ވަޢުދުފުޅު، ރިޔާސީ ކެމްޕޭނުގައި ވެވަޑައިގެންފައިވާ 1051 ވަޢުދުފުޅު، ދަތުރުފުޅުތަކުގައި ވަޢުދުވެވަޑައިގަތް 484 ކަމަކާއިއެކު އެކި އިވެންޓުތަކުގައި ކޮށްދެއްވާނެކަމުގައި ވިދާޅުވި 305 ކަމެއްގެ ތަފުސީލް ހިއްސާކުރައްވާފައެވެ.

"ސިނަމާލެ މާލެހިޔާ ސަރަހައްދުގައި ފްލެޓު އެޅުމަކީ ސަރުކާރުގެ ވަރަށް ބޮޑު ވަޢުދެއް، އަޅުގަނޑު މާލޭ ސިޓީގެ މޭޔަރަކަށް ހުރިއިރު މި މަޝްރޫޢުގައި ވާނީ ސޮއި ކޮށްފައި" ރައީސް ވިދާޅުވިއެވެ.

އަދި އެ މަޝްރޫޢު ކުރިއަށްގެންދަވާނީ ސިޓީ ކައުންސިލްގެ ތެރެއިން ކަމަށާއި މި މަޝްރޫޢުގެ ތެރެއިން މިހާރު ހުރި ސިނަމާލެ އަދި މާލޭހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުން އަމިއްލަކޮށްފައިހުރި ތަންތަން އަލަށް އަޅާ އިމާރާތްތަކަށް ބަދަލުކުރެވި، ބައު އިމާރާތް ތަޅާލުމަށް ފުރުސަތު ލިބިގެންދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތުގެ ތެރެއިން މި މަހުގެ 9 ވަނަ ދުވަހު މުޅި ދަޢުލަތް ހިމެނޭގޮތަށް ޑިޖިޓަލައިޒޭޝަން ބޮޑު ކޮންފަރަންސަކަށް އެންމެން އެއްތާކަށް ގެންނަވައި، އެންމެން އެކަމުގައި ބައިއަތު ހިއްޕަވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މުޅި ދަޢުލަތުގެ ނިޒާމު ހިންގުމުގައި ކުރިއަށްއޮތް ތިން އަހަރު ދުވަހަށް މޯލްޑިވްސް 2.0 ގެ ނަމުގައި ފައްޓަވާ މި މަޝްރޫޢުގެ ތެރެއިން މުޅި ސަރުކާރު ޑިޖިޓަލައިޒް ކުރެވިގެންދާނެ ކަމުގައި ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ