ރާއްޖޭގެ އަމާޒަކީ ޝާމިލު ޑިޖިޓަލް ހިދުމަތަށް އިސްކަންދޭ ހުދޫދުތަކުން ބަދެވިފައި ނެތް މުސްތަގުބަލަށް ތައްޔާރުވެފައިވާ މާލީ ނިޒާމެއް ގާއިމުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރ (އެމް.އައި.އެފް.ސީ) ޤާއިމުކުރުމާ ގުޅޭގޮތުން ޖޮއިންޓް ވެންޗަރ އެއްބަސްވުމާއި ފަހުމުނާމާގައި ސޮއިކުރުމަށް ރޭ ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ބޭއްވި ޚާއްސަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އެމްއައިއެފްސީއަކީ 2040 ވަނަ އަހަރު އަންނައިރު ދިވެހިރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ކުރާ ދަތުރުގެ ފެށުން ކަމުގައެވެ.
އެގޮތުން ދިވެހިން މި އާދަޔާ ޚިލާފު ދަތުރު ފެއްޓީ، ސާފު އަމާޒެއް ހިފައި، ޔަޤީންކަމާއެކު، އީޖާބީ ވިސްނުމެއްގައިކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ އެމްއައިއެފްސީ އަކީ ފުރުޞަތުތަކާއި، ވިލުންތެރިކަމާއި، ޝަރަފުވެރިކަމުން ދިވެހިން ބާރުވެރިކޮށްގެން ދިވެހި އިޤުތިޞާދު ސިންދަފާތުކުރުމަށް ކުރައްވާ މަސައްކަތައް ދެއްވާ އިތުބާރެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.
"މިއީ، މާލިއްޔަތާއި، ދެމެހެއްޓެނިވި އަދި ޙަޟާރީ ދިރިއުޅުމެއްގެ މަތީ ބިނާކުރާ މުސްތަޤުބަލަކަށް ދިވެހިން ތައްޔާރަށް ތިބިކަން ދުނިޔެއަށް އަންގައިދޭ ނިޝާނެއް" ރައީސް ވިދާޅުވިއެވެ.
ދިވެހިރާއްޖެ އަކީ ހަމައެކަނި މަންޒިލެއް ނުވަތަ ކުޑަ ޖަޒީރާ ޤައުމެއް ނޫންކަމަށާއި، ދިވެހިރާއްޖެ އަކީ ހިންދު ކަނޑުގެ އިޤްތިޞާދީ އަދި ޑިޖިޓަލް ބަދަލުގެ ތެރޭގައި ހިމެނޭ "ސްމާޓް ޖަޒީރާ ޤައުމެއް" ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މާޒީގެ މޮޑެލްތައް ނަކަލުކުރުމުގެ ބަދަލުގައި ރާއްޖެއިން ގެންގުޅޭނީ، ސަރަޙައްދީ އިންތައް ފަހަނައަޅައިދާފަދަ، ޑިޖިޓަލް ފަސްޓް އަދި ޝާމިލު މާލީ ވެއްޓެއްކަމަށް ރައީސް ވިދާޅުވިއެވެ.
"އެމް.އައި.އެފް.ސީ އިން އެތައް ބިލިއަން ޑޮލަރެއްގެ އާމްދަނީ ހޯދޭނޭކަމަށް ހިސާބުތަކުން ދައްކާ ހިނދު، އެއީ ޤައުމީ އުފެއްދުންތެރިކަމުގައި މުހިންމު ހިއްސާއެއް އަދާކުރާނޭ މަޒުކަޒަކަށް ވެގެންދާނޭކަމަށް އަންދާޒާ ކުރެވިފައިވާހިނދު، ސިނާޢީގޮތުން ހުރި ފުރުޞަތުތަކަށް ހަލުވި ދުވެލީގައި ވާޞިލުވުމަށް ވެވޭ އެހީއަކަށް މި މަޒުކަޒު ވެގެންދާނޭ" ކަމަށް ރައީސް ވިދާޅުވިއެވެ.
އެމް.އައި.އެފް.ސީ ޤާއިމުކުރާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އާއި އެމް.ބީ.އެސް ގްލޯބަލް އިންވެސްޓްމަންޓްސް އާ ދެމެދު ޖޮއިންޓް ވެންޗަރ އެއްބަސްވުމާއި ފަހުމުނާމާގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރެވެ. އަދި އެމް.ބީ.އެސް ގްލޯބަލް އިންވެސްޓްމަންޓްސްގެ ފަރާތުން ސޮއިކުރެއްވީ ޗެއަރމަން، މަރްވާން އަލްހަޖޭރީ އެވެ.



