ގިނަ ދުވަސްތަކެއްވަންދެން ހައްލުނުވެ އޮތް ރޭސިން ޓްރެކްގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި ދިނުމަށް ބްރިޖު ހައިވޭ ބޭރުން ސަރަހައްދެއް ހިއްކައިގެން ރޭސިންގ ޓްރެކެއް އެޅުމުގެ މަސައްކަތް ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މި ރޭސިން ޓްރެކް އެޅުމަށް ހަވާލުކޮށްފައި ވަނީ އެމްއޭސީއެލްއާއެވެ.
ރޭސިން ޓްރެކްގެ މަސައްކަތަކީ އެމްއޭސީއެލުން އިންވެސްޓްކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.
"މި ޓްރެކް ހަދަނީ، ބްރިޖުން ފެށިގެން ހުޅުމާލެއަށްދާން މިއޮންނަ ހައިވޭގައި ހުންނާނެ ސޯލަރ ޕެނަލްތަކެއް. އެ ޕެނަލްތަކުގެ ބޭރުން ބައެއް ހިއްކައިގެން." ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ހައިވޭގެ ބޭރުން ސަރަހައްދެއް ހިއްކައިގެން ރޭސިންގ ޓްރެކެއް އެޅުމަށް ހަމަޖެހިފައިވަނީ މީހުން އުޅޭ ސަރަހައްދުގައި ރޭސިންގ ޓްރެކެއް އެޅުމަކީ އެންމެ ރައްކާތެރިގޮތްކަމަށް ނުބެލެވޭތީ ކަމަށް ސަރުކާރުން ހާމަކުރެއެވެ.
މީގެ އިތުރުން ރޭސިންގ ޓްރެކެއް އެޅޭނީ ޓްރެކެއް އެޅުމަށް ބޭނުންވާ ދިގުމިން ހުންނަ ތަނެއްގައިކަމަށްވުމާއެކު، ހައިވޭގެ ބޭރު ސަރަހައްދަކީ އެ ޓްރެކް އެޅުމަށް ހިއްކައިގެން ބިން ލިބޭނެ ސަރަހައްދަކަށްވާތީ ކަމަށް ސަރުކާރުން ހާމަކުރެއެވެ.




