ޅަދަރީން ހެޔޮގޮތުގައި ބޮޑެތި ކުރުމަކީ، ފާގަތި ކުރިމަގަކަށް އޮތް އެންމެ ބޮޑު ޔަގީންކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުން އަންނަ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިޠާބުގައެވެ.
ކުޑަކުދިންނަކީ، އެންމެންގެ ހިތްތަކުގެ ހަމަޖެހުންކަމަށާއި، ޤައުމުގެ ދެމިއޮތުންކަމުގައި ފާހަގަކުރައްވައި، ޅަދަރީން ހެޔޮގޮތުގައި ބޮޑެތި ކުރުމަކީ، ފާގަތި ކުރިމަގަކަށް އޮތް އެންމެ ބޮޑު ޔަގީންކަން ކަމުގައި ރައީސް ވިދާޅުވެފައި ވެއެވެ.
ހަރުދަނާ ޖީލެއްގެ ގޮތުގައި ކުޑަކުދިން ބޮޑެތިކުރުމަށް ބާރުއަޅުއްވާ ދިވެހީންގެ ސިޔާދަތާއި ކަރާމާތާއި ތަމައްދުން ނަގަހައްޓަން ތައްޔާރަށްތިބޭ ބަޔެއްގެ ގޮތުގައި ކުދިން ތަރުބިއްޔަތު ކުރުމަކީ، އެންމެންގެ ކޮނޑުގައި އެޅިފައި އޮތް އެންމެ އިސް ޤައުމީ ވާޖިބުކަމުގައި ރައީސް ފާހަގަކުރައްވާފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ކޮންމެ ނޭދެވޭ ކަމަކުން ދިވެހި ހުރިހާ ކުޑަކުދިން ދުރުހެލި ކުރުވުމަށް އެންމެން ޢަޒުމު ކަނޑައެޅުމަށާއި ކުޑަކުދީންނަށްޓަކައި، ކޮންމެ ތަނަކުންވެސް، އެކަކު އަނެކަކަށް އިޙްތިރާމް ކުރާ، އަދަބު އަޚްލާޤުން ޒީނަތްތެރިވެފައިވާ، ރީތި މާޙައުލެއް ދެއްކުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.
ހަމައެއާއެކު ޒަމާނަށް ފެތޭނެ، މާދަމާއަށް ބޭނުން ހިފޭނެ، ތަޢުލީމާއި ތަމްރީނު އެ ކުދިންނަށް ހޯދައިދިނުމަށާއި، ދިވެހި ޤައުމުދެކެ ލޯބިވާ، ދިވެހިވަންތަ، މުސްލިމް ދަރީންތަކެއްގެ ކޮނޑުމަތީ މި ޤައުމުގެ މަޖްދާއި ކަރާމާތް އުފުލާނެކަން ކަށަވަރު ކުރުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.
ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބު އެމަނިކުފާނު ވަނީ ކޮންމެ ދުވަހަކުވެސް ބޭނުންތެރި އާ ކަންކަން ދަސްކުރުމަށާއި، އެއްދުވަހަށްވުރެ ކާމިޔާބު އަނެއްދުވަސް ހޯދަން ޢަޒުމު ކަނޑައެޅުމަށް ކުޑަކުދިންނަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.
އަދި ފަރުޟު ފަސްނަމާދު ކުރުމާއި، ދީނަށް ޙުރުމަތްތެރިކޮށް ހިތުމާއި، ދިވެހި އާދަކާދަތަކަށް އަހުލުވެރިވެ، ޤައުމުދެކެ ލޯބިވުމަށް ރައީސް ހަނދާންކޮށްދެއްވިއެވެ.
މީގެ އިތުރުން ސޯޝަލް މީޑިއާގައި ރައީސް މިއަދު ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދުނިޔެއަށް އަންނަމުންދާ ހަލުވި ކުރިއެރުމާއި ބޮޑެތި ބަދަލުތަކަށް ދަރީން ހޭލުންތެރި ކުރަން ޖެހޭކަމުގައި ބަޔާންކުރައްވާފައި ވެއެވެ. އަދި މާދަމާ ދިވެހި ޤައުމާއިގެން ނިޔާމަ ދަތުރެއް ކުރެވޭނެ ޤާބިލްކަމާއި ހިތްވަރު ކުދިންނަށް ލިބޭނީ މިއަދު އެންމެން އެކަމަށް މަސައްކަތްކޮށްދީގެންކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.



