ކޮރަޕްޝަން ނައްތާލަން ކުރާ ދަތުރުގައި ޒިންމާދާރުކަމާއެކު ބައިވެރިވާން ރައީސް އެދިވަޑައިގެންފި

ކޮރަޕްޝަން ނައްތާލަން މި ސަރުކާރުން ކުރާ ދަތުރުގައި ޒިންމާދާރުކަމާއެކު ބައިވެރިވާން ރައީސް ޑރ. މުހައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

ރައީސް މިގޮތަށް އެދިވަޑައިގެންފައި ވަނީ ރާއްޖެ އަށް ޑިޖިޓަލް ދާއިރާ އިން ބަދަލުތަކެއް ގެނައުމަށް "މޯލްޑިވްސް 2.0" ރޭ އިފުތިތާހުކޮށްފައިވާ އިރު، މިކަމުގެ ބޭނުމަކީ އީ ވޯޓިން ތައާރަފުކޮށް، އިންތިހާބު އޮޅުވާލުން ކަމަށް އެމްޑީޕީން ތުހުމަތު ކުރަމުން އަންނާތީ އެކަމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެެވެ.

ރައީސް ވިދާޅުވީ މޯލްޑިވްސް 2.0 އަކީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތާލަން އެޅޭ އެންމެ ބޮޑު ފިޔަވަޅު ކަމަށާއި ކޮންމެ ރައްޔިތަކަށް އެ ރައްޔިތެއްގެ މަޢުލޫމާތު (ޑޭޓާ) ގެ ފުރިހަމަ ކޮންޓްރޯލާއި ބާރުވެރިކަން ލިއްބައިދޭ ދެ ފުށް ފެންނަ، އަވަސް، ލުއި ފަސޭހަ، ޚިދުމަތުގެ ފެންވަރު މަތީ ނިޒާމެއް ކަމަށެވެ.

އަދި މިއީ ކޮރަޕްޝަން މަދު ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ އެތައް ދަރަޖައެއް މަތިވެގެންދާނޭ ނިޒާމެއް ކަމަށާއި މިއީ ޕްރެސް ފްރީޑަމް އިންޑެކްސްގައި ވެސް ރާއްޖެ އެތައް ދަރަޖައެއް މަތިވެގެންދާނޭ ނިޒާމެއް ކަމަށެވެ. އެގޮތުން މިއީ ރައްޔިތުން އެދޭ އަމާޒު ކަމަށާއި މި އަމާޒަށް ވާސިލް ވުމަށް ކުރާ ދަތުރުގައި،  ކުރިޔަށް ދާނީ ރައްޔިތުންނާ ގާތުން، ރައްޔިތުންނާ އެކު ކަމަށް ރައީސް ވިދާޅުވިއެވެ.

"މި ދަތުރުގައި ޒިންމާދާރުކަމާއެކު ބައިވެރިވުމަށް ސިޔާސީ އިދިކޮޅު ފަރާތްތަކަށްވެސް ގޮވާލަން" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ.

ދިވެހިރާއްޖެ 2.0 އަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް އިފްތިތާޙްކުރި ޕްރޮގްރާމެކެވެ. އަދި 2.0 އަކީ ހަލުވި، ރައްކާތެރި ދެފުށްފެންނަ ޚިދުމަތް ދިނުމުގެ އަމާޒު ހާސިލުވާގޮތަށް ދިވެހިރާއްޖެ ޑިޖިޓަލް އައު ޒަމާނަކަށް ވާސިލްކޮށްދިނުމަށް ހިންގަންފަށާ މަޝްރޫޢެކެވެ.

މި މަޝްރޫޢަކީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް މުޅި ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތަކާއި މުއައްސަސާތައް އިދާރީ ގޮތުން ހިންގާ ގޮތަށް އިންޤިލާބީ ބޮޑެތި ބަދަލުތައް ގެނައުމަށް އަމާޒުކޮށް، ކުރިއަށް އޮތް 3 އަހަރުން ނަތީޖާ ނެރެދިނުމަށް ހިންގާ މަޝްރޫޢެކެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަަކަދައްކަވަމުން ރައީސް ވަނީ ރާއްޖެ ޑިޖިޓަލައިޒްކުރުމުގެ އެންމެ މައިގަނޑު އެއް މަޤުޞަދަކީ މިޤައުމުން ކޮރަޕްޝަންގެ ވަބާ ނައްތާލުންކަމުގައި ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ