'ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް' ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ.
ދިވެހިރާއްޖެ 2.0 އަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް އިފްތިތާޙްކުރި ޕްރޮގްރާމެކެވެ. އަދި މޯލްޑިވްސް 2.0 އަކީ ހަލުވި، ރައްކާތެރި ދެފުށްފެންނަ ޚިދުމަތް ދިނުމުގެ އަމާޒު ހާސިލުވާގޮތަށް ދިވެހިރާއްޖެ ޑިޖިޓަލް އައު ޒަމާނަކަށް ވާސިލުކޮށްދިނުމަށް ހިންގަންފަށާ މަޝްރޫޢެކެވެ.
މި މަޝްރޫޢަކީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް މުޅި ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތަކާއި މުއައްސަސާތައް އިދާރީ ގޮތުން ހިންގާ ގޮތަށް އިންޤިލާބީ ބޮޑެތި ބަދަލުތައް ގެނައުމަށް އަމާޒުކޮށް، ކުރިއަށް އޮތް 3 އަހަރުން ނަތީޖާ ނެރެދިނުމަށް ހިންގާ މަޝްރޫޢެކެވެ.
'ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް' އަކީ މިރޮނގުން ޚިދުމަތުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުގެ ކަމާބެހޭ މުވައްސަސާތަކުގެ މެދުގައި ބޭއްވި 3 ދުވަހުގެ ސަމިޓެކެވެ.
މި ސަމިޓުގައި، މޯލްޑިވްސް 2.0 ގައި ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ، ސައިބަރ ސެކިއުރިޓީ ހަރުދަނާކުރުމާއި، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ޑިޖިޓަލް އައިޑީގެ ޒަރީޢާއިން އިތުބާރާއެކު ބަރޯސާވެވޭ ޑިޖިޓަލް މުޢާމަލާތްތަކަށް މަގުފަހިކުރުމާއި، ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި ޒާތީ މަޢުލޫމާތާއި ޑޭޓާ، ރައްކާތެރި ކަމާއެކު އެއް މުއައްސަސާއިން އަނެއް މުއައްސަސާއަށް، ވަގުތުން ވަގުތަށް ފޮނުވޭނެ، ޑޭޓާ އެކްސްޗޭންޖް ލޭޔަރެއް ޤާއިމުކުރުމާއި، ދައުލަތުގެ މުއައްސަސާތަކުގެ ހައްސާސް މަޢުލޫމާތުތައް ރައްކާތެރިކަމާއެކު ބަލަހައްޓާ އާރކައިވްކުރުން ހިމެނެއެވެ.
މީގެ އިތުރުން ސޮވަރިން ކްލައުޑް ޤާއިމުކުރުމާއި، ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތައް ޑިޖިޓަލްކޮށް ފޯރުކޮށްދިނުމުގައި ސިޓިޒެން-ސެންޓްރިކްކޮށް، ވީހާވެސް ބޮޑަކަށް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް މަގުފަހިކުރުމާއި، ޑިޖިޓަލް ރޮގުން މުސްތަޤްބަލަށް ފައްކާވެފައިވާ ޖީލެއް ބިނާކުރުމާއި، އަދި އައި.ސީ.ޓީ ސެކްޓަރގައި ދިވެހިންނާއި ދިވެހި ވިޔަފާރިތަކަށް އޮތް ފުރުސަތުތައް ފުޅާކުރުމާއި ގުޅޭގޮތުން މުހިއްމު ނިންމުންތަކެއް ވަނީ ނިންމާފައެވެ.
މި ރަސްމިއްޔާތުގައި މި ސަމިޓުން ހާސިލުކުރެވުނު ނަތީޖާތަކުގެ މައްޗަށް ޕްރެޒެންޓޭޝަނެއް ހުށައެޅުއްވުމުގެ އިތުރުން މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، ޢަލީ އިޙްސާން ވަނީ ޤައުމީ ޑިޖިޓަލް އިޤުރާރު ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ.
މި އިޤުރާރު އެ މަނިކުފާނަށް އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ، އަދި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަޙްމަދު މުޢުތަޞިމް އަދުނާންގެ އިތުރުން މި ސަމިޓްގެ ހުރިހާ ސެޝަންތަކެއްގެ ސްޕީކަރުންނާއި މޮޑެރޭޓަރުނާއި ޕެނަލިސްޓުން އަދި އެސްޓޯނިއާ ސަރުކާރުގެ މާހިރުންގެ އިތުރުން އައި.ސީ.ޓީ ކޮމިޓީގެ މެންބަރުންގެ ހާޒިރުގައެވެ.



