އާރުޓީއެލް ފެރީގެ ހިދުމަތް ފުޅާކުރަން އިންޑިއާއިން 100 މިލިއަން ރުފިޔާގެ ހިލޭ އެހީ ދޭން އެއްބަސްވެއްޖެއެވެ.
މި އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ފޮރިން މިނިސްޓްރީގައެވެ.
އެ ރަސްމިއްޔާތުގައި ހައި އިމްޕެކްޓު ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ތިން ވަނަ ފިޔަވަހީގެ އެގްރިމެންޓުގައި ސޮއިކުރެއްވީ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން އަދި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އެވެ.
އިންޑިއާ ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރައްވާފައި ވަނީ އިންޑިއާއިން ރާއްޖެ ކަނޑައަޅާފައިވާ ސަފީރު ޖީ ބަލަސުބްރަމަނިއަމް އެވެ.
މި އެއްބަސްވުމުގެ ދަށުން ދޭ 100 މިލިއަން ރުފިޔާއަށް ބަންނަން ނިންމާފައި ވަނީ އާރްޓީއެލް ޚިދުމަތަށް ނެރޭ 12 ފެރީ އެވެ.
އިންޑިއާގެ އެ އެހީއަކީ ގައުމީ ދަތުރުފަތުރުގެ ނެޓްވޯކް އިތުރަށް ހަރުދަނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރާ ގުޅިފައިވާ ކާމިޔާބީއެއް ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އަމީން މިއަދު ވަނީ ވިދާޅުވެފައެވެ.




