ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން މިއަދު ހާމަކުރި ގޮތުގައި، ޞިއްޙީ އެކިއެކި ޚިދުމަތްތަކަށް ދާއިމީކޮށް އާރްޓީއެލް ފެރީގައި ދަތުރުކުރާ މީހުންނަށް ހިލޭ ދަތުރުކުރެވޭނެ އިންތިޒާމު ވަރަށް އަވަހަށް ހަމަޖައްސާނެއެވެ.
ދަތުރުފަތުރާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހިމް ޔާސިރު ވިދާޅުވި ގޮތުގައި، މި ޚިދުމަތް ތަޢާރަފުކުރުމަށް ދަތުރުފަތުރާ ބެހޭ ވުޒާރާއާއި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އަދި އެމްޓީސީސީ ގުޅިގެން މަސައްކަތްކުރަމުންދެއެވެ. މި ޚިދުމަތުގެ ދަށުން ބަލިމީހާއާއި އެހީތެރިޔާއަށް އެންސްޕާ މެދުވެރިކޮށް ދޫކުރާ ބީއެމްއެލް ކާޑެއް ބޭނުންކޮށްގެން ހިލޭ ދަތުރުކުރެވޭނެއެވެ.
މިހާރުވެސް ޚާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އާރްޓީއެލްގެ ޚިދުމަތުގެ ތެރެއިން ހިލޭ ދަތުރުކުރެވެއެވެ. ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ހައި ސްޕީޑް ފެރީގެ ޚިދުމަތަކީ މިހާރުވެސް ސަރުކާރުން 70 ޕަސެންޓް ސަބްސިޑީ ދީގެން ދެމުންގެންދާ ޚިދުމަތެކެވެ.
އާރްޓީއެލްގެ ޚިދުމަތް މިހާތަނަށް 11 އަތޮޅެއްގައި ފަށާފައިވާއިރު، 2023 ވަނަ އަހަރު ޒޯން 1 ގައި ކުރިއަށްގެންދިޔަ އިކޮނޮމިކް އިމްޕެކްޓް ސަރވޭއިން ދައްކާގޮތުގައި، މި ޚިދުމަތާމެދު 93 ޕަސެންޓް މީހުން ހިތްހަމަޖެހެއެވެ. އަދި ސަރަޙައްދުގެ 83 ޕަސެންޓް މީހުން އާރްޓީއެލްގެ ޚިދުމަތް ބޭނުންކުރެއެވެ.
އާރްޓީއެލްގެ ރޫޓުތައް ކަނޑައަޅާފައިވަނީ އާންމު ޚިދުމަތްތައް ހޯދުމަށް ދަތުރުކުރާ ރަށްތަކާ ކޮންމެ ރޫޓަކުންވެސް ފަސޭހައިން ގުޅޭގޮތަށެވެ. މި ޚިދުމަތުގެ ސަބަބުން ދަތުރުފަތުރަށް އާންމު ރައްޔިތުން ކުރާ ހޭދައިން އަހަރަކު 100 މިލިއަން ރުފިޔާ ސަލާމަތްކުރެވޭކަމަށް ދިރާސާތަކުން ދައްކައެވެ.




