މ. މުލީ ރީޖަނަލް ހޮސްޕިޓަލުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ފައްޓަވައިދެއްވައިފިއެވެ.
މ. މުލީ ރީޖަނަލް ހޮސްޕިޓަލުގެ އައު އިމާރާތުގެ މަޝްރޫޢު ކުރިއަށްގެންދިއުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެކެވެ.
އެ މަނިކުފާނު މި މަޝްރޫޢު ފައްޓަވައިދެއްވީ މުލީ އެއާޕޯޓު ހުޅުވުމަށް އެ ރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު މުލީގައި އެކަމަށްޓަކައި ޚާއްޞަކޮށް ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައެވެ.
މ. މުލީ ރީޖަނަލް ހޮސްޕިޓަލުގެ އައު އިމާރާތުގެ މަޝްރޫޢުގެ ތެރެއިން އެޅުމަށް ހަމަޖެހިފައި ވަނީ 4 ބުރީގެ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެކެވެ.
މި މަސައްކަތް ހަވާލުކޮށްފައި ވަނީ 780 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ސަރުކާރުގެ މައި ކޮންސްޓްރަކްޝަން ކުންފުނި އެމްޓީސީސީ އާއެވެ.
މި މަޝްރޫޢު ނިމޭނެކަމަށް ލަފާކުރެވެނީ 2027 ވަނަ އަހަރުގެ މެދެއްހާ ހިސާބުގައެވެ.
މި މަޝްރޫޢު ނިމުމުން މުލީގެ އިތުރުން މީމު އަތޮޅުގެ ރައްޔިތުން ޞިއްޙީ ޚިދުމަތް ހޯދުމުގައި ފަސޭހަތަކެއް ލިބިގެންދާނެއެވެ.




