ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައިފި

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރައްވައިފިއެވެ.

މިއީ ރާއްޖޭގައި ނުރައްކާތެރި އަދި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްކުރުން ހުއްޓުވުމަށްޓަކައި ތަސްދީގުކުރެއްވި ބިލެކެވެ.

މި ބިލަކީ، 15 މޭ 2025 ވީ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 32 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

އެގޮތުން މިއީ ރާއްޖޭގައި ނުރައްކާތެރި އަދި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްކުރުން ހުއްޓުވުމަށް ކަމާގުޅޭ ކުށާއި އަދަބު ކަނޑައެޅުމާއި، އެފަދަ ކުށްތައް ހުއްޓުވުމަށް ޤާނޫނު ތަންފީޛުކުރާ އިދާރާތަކަށް ލިބިދޭ ބާރުތައް ކަނޑައެޅުމާއި، އެފަދަ ކުށްތަކުން ކުޑަކުދިން ދުރުކުރުމަށް ފިޔަވަޅު އެޅުމާގުޅޭ އުސޫލުތައް ކަނޑައެޅުމާއި، އެފަދަ ކުށްތަކުގައި ތުހުމަތުކުރެވޭ ފަރާތްތައް މޮނިޓަރކޮށް ކޮންޓްރޯލްކުރުމާގުޅޭ އުސޫލުތައް ކަނޑައެޅުމާއި، އެނޫންވެސް ކަމާބެހޭ އުސޫލުތައް ކަނޑައެޅުމުގެ ޤާނޫނެވެ.

މިއަދު ތަޞްދީޤުކުރެއްވި ޤާނޫނުގެ ބޭނުމަކީ، ރައްޔިތުން އެދޭ ފަދަ ޙައްލެއް އެފަދަ ކުށްތަކަށް ގެނައުމެވެ.

މިއަދު ތަސްދީގުކުރެއްވި ޤާނޫނުގެ ސަބަބުން އަންނާނެ މުހިންމު ބައެއް ބަދަލުތަކުގެ ތެރޭގައި:

  • ގޭންގުތަކުގެ ބާރުވެރިކަން ކަނޑުވާލުމުގެ ގޮތުން، ގޭންގުތަކާއި އަދި ގޭންގްތަކާއި ގުޅިފައިވާ ފަރާތްތަކަކީ ކޮބައިކަން ކޯޓު މެދުވެރިކޮށް ކަނޑައެޅުން
  • ގޭންގުތަކަށް ފައިސާ ޚަރަދުކުރާ މީހުން ހުއްޓުވުން
  • ގޭންގްތަކާއި ގުޅިގެން، ނުވަތަ އެނޫން ބޮޑެތި ކުށްކުށަށް އަރައިގަނެގެން، ނުހައްގު މުއްސަނދިކަން ހޯދާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީގުކޮށް، އެގޮތުން ހޯދާފައިވާ ފައިސާއާއި މުދާ ކޯޓު މެދުވެރިކޮށް ދައުލަތަށް ނެގުން
  • ގޭންގް ހަރަކާތްތަކާ ދެކޮޅަށް ކޮންޓްރޯލް ޑެލިވަރީ އަދި ސިއްރު އޮޕަރޭޝަންތައް ކުރިއަށްގެންދިއުން
  • ކުޑަކުދިން ގޭންގްތަކާ ގުޅުމާ، ބޮޑެތި ކުށްތައް ކުރުމުގައި ބައިވެރިވުން ހުއްޓުވުމަށް ޚާއްޞަ ފިޔަވަޅުތަކެއް އެޅުން
  • ޚާއްޞަ މޮނިޓަރިން ކުރިއަށްގެންގޮސް މޮނިކޮން އަމުރުގެ ދަށުން ޓެގު އެޅުވުން
  • ކުށްކުރާ މީހުން މޮނިޓަރކޮށް ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ޤާއިމުވުން

ގޭންގް ކުށްތައް ހުއްޓުވުމަށްޓަކައި ސަރުކާރުން މިދިޔަ 18 މަސްދުވަހުގެ ތެރޭގައި މުހިންމު މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ. އެގޮތުން، ގޭންގް ކްރައިމް އެންފޯސްމެންޓްގެ ނަމުގައި ވަކި ވިންގެއް ދިވެހި ފުލުހުންގެ ޚިދުމަތުގައި ޖުލައި 1، 2024 ގައި ވަނީ ޤާއިމުކުރައްވާފައެވެ.

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ތަޞްދީޤުކުރެއްވުމާއެކު، މި ޤާނޫނު މިއަދު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވައިފައެވެ. ހަމަ މިއާއެކު މި ޤާނޫނަށް ޢަމަލުކުރަންވެސް ވަނީ ފަށާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ