ދާއިމީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް އިންޝުރެންސް ތަޢާރަފްކުރަނީ

ޒަކާތު ފަންޑުގެ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ކެންސަރު ފަދަ ދާއިމީ ބޮޑެތި ބަލިތައް ތަހައްމަލުކުރަމުންދާ ފަރާތްތަކުގެ ބޭސްފަރުވާއަށް އިންޝުރެންސް ސްކީމެއް ތަޢާރަފްކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ. މި އިންޝުރެންސް ސްކީމް ފެށުމަށް ހަމަޖެހިފައިވަނީ މުޙައްރަމް 1447 އިން ފެށިގެންނެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އިންޝުރެންސް ސްކީމް ތަންފީޒުކުރުމަށް ހަމަޖެހިފައިވަނީ އެލައިޑް އިންޝުރެންސާ ގުޅިގެންނެވެ. މި ސްކީމްގެ މައިގަނޑު މަޤްޞަދަކީ އާސަންދައިން ކަވަރު ނުކުރާ ޚިދުމަތްތަކަށާއި، ބައެއް ފަހަރު ފުރާނަ ސަލާމަތްކުރުމަށްޓަކައި ރާއްޖެއިން ބޭރުން ކުރަންޖެހޭ ފަރުވާއާއި ގެންނަންޖެހޭ ބޭސް ހޯދުމަށް މަގުފަހިކޮށްދިނުމެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިދިޔަ އަހަރަކީ މުދަލު ޒަކާތަށް އެންމެ ގިނަ އަދަދަކަށް ފައިސާ ލިބުނު އަހަރެވެ. މިހާތަނަށް ޒަކާތު ފަންޑުގެ ފަޤީރުންގެ ދަފްތަރުގައި 2,852 ފަރާތެއް ވަނީ ރަޖިސްޓްރީވެފައެވެ.

ފާއިތުވި އޭޕްރީލް މަހު އެކަނި ޒަކާތު ފަންޑުން ފަޤީރުންނާއި މިސްކީނުންގެ ބޭސްފަރުވާއަށް 1.7 މިލިއަން ރުފިޔާގެ އެހީ 111 ފަރާތަކަށް ހަމަޖައްސައިދީފައިވެއެވެ. އޭގެ ތެރެއިން 1.1 މިލިއަން ރުފިޔާ ވަނީ އެމަހުގެ ތެރޭގައި ޚަރަދުކޮށްފައެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އެހެން މަސްތަކެކޭ އެއްފަދައިން އޭޕްރީލް މަހުވެސް އެންމެ ގިނައިން އެހީތެރިކަން ފޯރުކޮށްދީފައިވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށެވެ.

ޒަކާތު ފަންޑުން މިހާރުވެސް ދިރިއުޅުމުގެ ޟަރޫރީ ކަންކަމަށް އެހީވުމާއި، ކޮންމެ އަހަރަކު ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ނަޤުދު ފައިސާގެ އެހީ ފޯރުކޮށްދިނުމާއި، ބޭސްފަރުވާއަށް އެހީތެރިވުން ފަދަ ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދެމުން ގެންދެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ