ޙަލާލް ޓޫރިޒަމް ތަރައްޤީ ކުރުމަށް ވަކި ރަށްތަކެއް ޚާއްސަ ކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
މިކަން އިޢުލާނުކުރައްވައިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މިއަދު އެކްސް ގައި ކުރެއްވެވި ޕޯސްޓެއްގައެވެ.
ރައީސް މުއިއްޒު ވިދާޅުވެފައިވަނީ މި މަޝްރޫޢުގެ ދަށުން އިންވެސްޓަރުންނަށް ޚާއްސަ އިނާޔަތްތަކެއް ދިނުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމަކީ މިހާރުވެސް ދުނިޔޭގައި މަޝްހޫރު، އަދި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް، ފަތުރުވެރިންގެ ތަޖުރިބާއާއި މެހެމާންދާރީގެ ރޮނގުން ނަމޫނާ ސިނާއަތެއް ކަމަށެވެ. އަދި މިހާރު އަމާޒަކީ ހަލާލް ޓޫރިޒަމްގެ ދާއިރާއިންވެސް ދުނިޔޭގެ ނަމޫނާއަކަށް ވުން ކަމުގައި ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ތަފްސީލް މިއަންނަ ހަފްތާގައި ފަތުުރުވެރިކަމާ ބެހޭ ވުޒާރާއިން އިޢުލާން ކުރާނެ ކަމަށް ރައީސް މުޢިއްޒު ހާމަކުރެއްވިއެވެ.
އަދި ދިވެހިރާއްޖެއަކީ އިންވެސްޓްމަންޓަށް ތައްޔާރަށް އޮތް، އަދި ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުން އިންވެސްޓަރުންނަށް މަރުހަބާ ކިޔާ ޤައުމެއްކަންވެސް އެމަނިކުފަނު ފާހަގަކުރެއްވިއެވެ.
ޙަލާލް ޓޫރިޒަމްއަކީ ދުނިޔޭގައި އަވަސް ދުވެލީގައި ކުރިއަރަމުން އަންނަ ދާއިރާއެކެވެ. މި ދާއިރާއަށް ޚާއްސަ ރަށްތަކެއް ކަނޑައެޅުމަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ފުޅާކަމެއް ގެނެސްދޭނެ ކަމެއް ކަމަށް ބެލެވެއެވެ.
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މިފަދަ އައު އުފެއްދުންތައް ތަޢާރަފުކުރުމަކީ، އިތުރު މާރކެޓްތަކަށް ވާސިލުވެ، އިތުރު ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.