ފައިނޭންސިންގ ފޯ ޑިވެލޮޕްމަންޓްގެ ހަތަރުވަނަ ބައިނަލްއަޤުވާމީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މިއަދު ސްޕެއިނަށް ވަނީ ފުރާވަޑައިގެންފައެވެ.
ސްޕެއިންގެ ސެވިލްގައި މިމަހުގެ 30 އިން އަންނަ ޖުލައި މަހުގެ 3 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސްގެ އިފްތިތާޙީ ދަންފަޅީގައި ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ކޮންފަރެންސްގެ ޕްލެނަރީ ބައްދަލުވުމުގައި ތަޤުރީރުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތު ދެއްވިގޮތުގައި، ކޮންފަރެންސްގެ އެކި ސެޝަންތަކުގައި ނައިބު ރައީސް ބައިވެރިވެވަޑައިގެން، މާލީ ދާއިރާ އިސްލާހު ކުރުމުގެ ރޮނގުން ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވާނެއެވެ. އަދި ދިވެހިރާއްޖޭގެ އިސްނެގުމުގެ މަތިން ކޮންފަރަންސްގެ ހަވާސާގައި ބާއްވާ ހަރަކާތްތަކުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާނެއެވެ.
މި ބައްދަލުވުންތަކުގައި ދަރަނި އަދާކުރުމުގެ ދެމެހެއްޓެނިވި އުޞޫލުތަކަށް އަމަލުކުރުމުގެ މުހިންމުކަމާއި، މާލީ ނިޒާމުގައި ޝާމިލުކަން ކަށަވަރުކުރުމަށް ބައިނަލްއަޤްވާމީ ފަރާތްތަކުގެ އެހީތެރިކަން ހޯދުމަށް ރާއްޖެއިން ގޮވާލާނެ ކަމަށް ވަނީ ހާމަކުރައްވާފައެވެ. ނައިބު ރައީސްގެ މި ދަތުރުފުޅުގައި ސަރުކާރުގެ އިސްވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
އެފް.އެފް.ޑީ.4 އަކީ މާލީ އިސްލާހާމެދު މަތީ ފަންތީގެ މަޝްވަރާތައް ކުރުމަށް، ސަރުކާރުތަކާއި، ބައިނަލްއަޤުވާމީ އަދި ސަރަޙައްދީ ޖަމުޢިއްޔާތަކާއި، މާލީ އަދި ވިޔަފާރީގެ މުވައްސަސާތަކާއި، މަދަނީ ޖަމާޢަތްތަކާއި، އދގެ ގުނަވަންތައް އެއްފުރާޅެއްގެ ދަށަށް ގެނެސްދޭ މުހިންމު މަންސައެކެވެ. މި ކޮންފަރެންސްގެ ތިންވަނަ ބައްދަލުވުން ބޭއްވިފައިވަނީ 10 އަހަރު ކުރިން އިތިއޯޕިއާގެ އަޑިސް އަބަބާގައެވެ.