ޙަޟާރަތްތަކާ ގުޅޭގޮތުން ޗައިނާގައި ބޭއްވުމަށް ހަމަޖެހިފައިވާ 11 ވަނަ ނީޝަން ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް މިއަދު ޗައިނާއަށް ފުރާވަޑައިގެންފިއެވެ.
މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ގޮތާ ގުޅޭގޮތުން މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވެފައިވަނީ، ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ދުނިޔޭގެ ލީޑަރުންނާއެކު މުހިންމު މަޝްވަރާތަކެއް ކުރެވޭނެ ކަމަށެވެ.
ޗައިނާގެ ޗޫފޫ ސިޓީގެ ޝެންޑޮންގް ޕްރޮވިންސްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފޯރަމް ކުރިއަށްދާނީ މި މަހުގެ 9 އިން 10 އަށެވެ. މި ފޯރަމްގައި 800 އަށްވުރެ ގިނަ ތަޖުރިބާކާރުންނާއި ޢިލްމުވެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
މި އަހަރުގެ ފޯރަމްގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވޭނީ ޙަޟާރަތްތައް އުފެދުނު ގޮތާއި ކުރިއަށް އޮތްތަނުގައި ޙަޟާރަތްތައް ކުރިއަރުވައި ތަރައްޤީކުރެވިދާނެ ގޮތްތަކާ ބެހޭގޮތުންނެވެ. މި ފޯރަމަކީ ދުނިޔޭގެ އެކި ޤައުމުތަކުގެ ލީޑަރުންނާއި ތަޖުރިބާކާރުން އެއްތަނަކަށް އެއްވެ، މުހިންމު މަޝްވަރާތަކެއް ކުރުމަށް ލިބޭ ފުރުސަތެއް ކަމުގައި ފާހަގަކުރެވެއެވެ.